ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސް އަޅަން ތިބި ބަޔަކު މަޖިލީހަށް ހޮވުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕެއިން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނީ އެކަމަށް އެއްބާރުލުންދޭނެ ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ރެއާއި ދުވާލު ވަކި އެޖެންޑާއެއް ނެރެގެން މަސައްކަތް ކުރާ މެމްބަރުތަކެއް ހޮވައިގެން ވައުދުތައް ނުފެއްދޭނެ ކަމަށެވެ.

"ވައުދު ނުފުއްދޭނެ މިކަމަށް ހުރަސް އަޅާނެ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރެއާއި ދުވާލު ސަރުކާރާ ދެކޮޅަށް ވަކި އެޖެންޑާތަކެއް ކުރިއަށް ލައިގެން މަސައްކަތް ކުރާނެ ބަޔަކު އަޅުގަނޑުމެން ޚިޔާރު ކޮށްފިއްޔާ. ސަރުކާރުން ބިލެއް ހުށަހަޅާއިރަށް ބޭރު ކޮށްލާ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަންވެގެން ބޭރުން އެހީއެއް ހޯދަން ހުއްދަ އަކަށް އަހާލާއިރަށް އެކަން އެޖެންޑާ ނުކޮށް އެތައް ދުވަހެއް ބޭކާރު ކޮށްލާ، މިއީ މަޖިލީހުން ރައްޔިތުން ބިކަ ކުރުމުގެ ފުރުސަތު ދިނުން. މިފަދަ ކަންކަމަށް މަޖިލިސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ ސަރުކާރުން ގެންގުޅުނު ބޯހިޔާވަހި ކަމުގެ ސިޔާސަތަށް މިޖަލްސާގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކުވެސް މިދިޔަ ސަރުކާރަށް ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ނުކުރެވުނު ކަމަށާއި ބޯހިޔާވަހި ކަމުގެ މަޝްރޫޢުތައް ފެށުނީވެސް ދައުރު ނިމެން ދަނިކޮށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލެ ސިޓީ ރައްޔިތުންނަށް އެމަނިކުފާނު އިތުބާރު ކުރައްވާ ކަމަށާއި މާލެސިޓީގެ ގޮނޑިތައް ސަރުކާރަށް ދޭނެކަމަށް ޔަގީން ކުރައްވާ ކަމަށެވެ.