އެކިއެކި އިންތިހާބުތަކުގައި އެކި ގޮތްގޮތަށް އިދިކޮޅުން އެމަނިކުފާނުގެ ބޮލުގައި އެކިއެކި އިލްޒާމް އަޅުވަން މަސައްކަތް ކޮށްފި ކަމަށާއި އެކަމަކު އިދިކޮޅުން އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިދިކޮޅަށް ވަރުގަދަ ރައްދެއް ދެވައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕެއިން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ހައްގުގައި ޖެހޭނެ މީހެއް ނޫން ކަމަށެވެ.

"އަޅުގަނޑަކީ ރައްޔިތުންގެ ފައިސާއަކު ޖެހޭނެ މީހެއް ނޫން، ރައްޔިތުންގެ މުދަލަކު ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާމުހިއްމު ﷲ ސުބްހާނަހޫ ވަތަޢާލާ ކިބައިން އަޅުގަނޑަށް އެކަލާނގެ ފުއްސެވުމާއި ރުއްސެވުން ލިބުން. އެހެންވީމާ ތިބޭފުޅުން (އިދިކޮޅުން) ތިގޮތަށް އަދި އަޅުގަނޑު ބޮލުގައި ކަމެއް އަޅުވަން އުޅުނަސް ކުރީގައިވެސް ނުވިކަމެއް، ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭވެސް ތަކުރާރު ކުރެއްވީ ތަރައްޤީގެ ފިކުރަށް، ތަރައްޤީ ގެނައުމަށް ރައްޔިތުން ވޯޓް ދެއްވުމަށާއި ސަރުކާރަށް ޖެއްސުންކޮށް ޤައުމު ހަލަބޮލިކޮށްލަން މަސައްކަތް ކުރަން އަންނަ ބަޔަކަށް ވޯޓް ނުދިނުމަށެވެ.