ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

ޣައްޒާއަށް ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް އެޗްޑީސީއިން ފޯރުކޮށްދިން އެހީއާ ގުޅިގެން އައިއޭސީން ބުނެފައި ވަނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެޗްޑީސީއީން މިފަދަ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލުން އައިއޭސީއިން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމުގައި ސަހްޔޫނީ އިޒްރޭލުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ކާބޯތަކެތި ރައްކާ ކުރާ ތަންތަން ސުންނާފަތި ކޮށްފައެވެ. އަދި ފާއިތުވެދިޔަ 6 މަސްދުވަހު ޣައްޒާއަށް ކާބޯތަކެތި ވެއްދުން އިޒްރޭލުގެ ހައްދުފަނައެޅި އަސްކަރިއްޔާއިން ވަނީ ވަރަށް ބޮޑަށް ހުއްޓުވާފައެވެ.

އިޒްރޭލުން ޣައްޒާގެ 34،000 އެއްހައި މީހުން ޝަހީދު ކޮށްލާފައިވާއިރު ޣައްޒާގެ 65 އިންސައްތަ ގެދޮރުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައެވެ.

ފަލަސްތީނާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގައި ދިވެހިންނަކީވެސް އަބަދުވެސް އިސްލާމީ އަޚްވަންތަކުގެ މަތިވެރި ގުޅުން އިސްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއްކަން ފާހަގަ ކޮށްލެވެއެވެ.