ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުން ސްޕެއިނުގެ މަޝްހޫރު ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް މިރޭ ކަޓައިފިއެވެ.
ފުރަތަމަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި 3-2 އިން މޮޅުވެފައި އޮތް ބާސެލޯނާ މިރޭ އަމިއްލަ ދަނޑުގައި ބަލިވީ 3-1 އިންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ބާސެލޯނާއިންނެވެ. މިލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލެގުގައިވެސް ޕީއެސްޖީ ކޮޅަށް ދެލަނޑު ޖެހި ބްރެޒިލްގެ ވިންގަރ ރަފީނާއެވެ.
ބާސެލޯނާއަށް މައްސަލަތައް ދިމާވީ އިތުބާރު ޑިފެންޑަރު ރޮނާލްޑް އަރުހޯއަށް 29 ވަނަ މިނެޓުގައި ރަތްކާޑް ދެއްކުމުންނެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޕީއެސްޖީއިން އެއްވަރު ކުރީ މިދިޔަ 5 އަހަރު ބާސެލޯނާއަށް ކުޅުނު ވިންގަރ އޮސަމާނޭ ޑެމްބެލޭގެ ލަނޑުންނެވެ.
ދެވަނަ ހާފް ފަށައިގެން ނުވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑް ނަގައިދިނީ ވިޓިންހާއެވެ. އޭގެ ހަތް މިނެޓް ފަހުން ޕީއެސްޖީގެ ލީޑް ކިލިއަން އެމްބައްޕޭ ފުޅާ ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ޑެމްބެލޭ ހޯދި ޕެނަލްޓީއަކުންނެވެ. ޕީއެސްޖީގެ ހަތަރުވަނަ ލަނޑު އެމްބައްޕޭ ކާމިޔާބު ކޮށްދިނީ ކައުންޓަ އެޓޭކެއްގައި އުފެއްދި ހަމަލާއަކުންނެވެ. މިނަތީޖާއާއެކު ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދީ 4-6 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.
މިމެޗުގައި ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ސަބަބުން ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒާއި އިތުރު އޮފިޝަލަކަށް ރަތްކާޑް ދެއްކިއެވެ.
ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ޑޯޓްމަންޑުގެ މައްޗަށް 2-1 އިން ކުރި ހޯދާފައި އޮތް އެތުލެޓިކޯ މެޑްރިޑް މިރޭ ޑޯޓްމަންޑް ދަނޑުގައި ބަލިވީ 4-2 އިންނެވެ. ޑޯޓްމަންޑް ސެމީފައިނަލުން ޖާގަ ހޯދީ 5-4 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.
ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި މާދަމާ ރޭ މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑް އަދި ބަޔާން މިޔުނިކާއި އާސެނަލްއަށް ބައްދަލު ކުރާނެއެވެ.