ލިޔުނީ: އަޒްހީން

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މާރިޗް މަހު 2.94 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މިދިޔަ އަހަރު ލިބުނު އާމްދަނީއާއި އަޅާބަލާއިރު މިއީ 34.4 އިންސައްތައިގެ ކުރިއެރުމަކަށްވީއިރު މިއީ މި އަހަރަށް ކުރި އަންދާޒާއަށް ވުރެ 26.0 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

މާޗު 2023 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރު ލިބިފައިވާ އާމްދަނީ ކުރިއަރާފައިވާ މައިގަނޑު ސަބަބަކީ ބޭންކް އިންކަމް ޓެކްސް، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އަދި ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުންކަމަށް މީރާއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ބޭންކް އިންކަމް ޓެކުހުގެ ކުރިއަށް ހުރި ސުންގަޑިތަކުގެ ފައިސާ މާރިޗު މަހުގެ ތެރޭގައި ދައްކައިފައި ވާތީ މި މަހު ލިބުނު އާމްދަނީ ވަނީ އިތުރުވެފައި ވާކަންވެސް ފާހަގަކޮއްލެވެއެވެ.

މިދިޔަ އަހަރާ އަޅައިބަލާއިރު ފަތުރުވެރިކަމުން ލިބުފައިވާ އާމްދަނީ އިތުރުވެފައިވަނީ މިދިޔަ އަހަރު ފެބުރުވަރީ މަހާ އަޅައިބަލާއިރު މިއަހަރު ފެބުރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިން 22.2 އިންސައްތަ އިތުރުވެފައިވާތިއެވެ.

މީގެ އުތުރުން، ބޭންކް އިންކަމް ޓެކުހާއި ޖީއެސްޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން މާރިޗު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ ވަނީ އިތުރުވެފައިއެވެ. އަދި މީރާއިން ބުނާގޮތުގައި ފެބުރުވަރީ 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 14.1 އިންސައްތަ އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އާމްދަނީ ވަނީ އިތުރުވެފައިއެވެ.

މި އަހަރު ޖީއެސްޓީއިންވަނީ ޖުމްލަ އާމްދަނީގެ 51.7 އިންސައްތަ ނުވަތަ 1.52 ބިލިއަން ރުފިޔާ ހޯދާފައެވެ. މިއީ މި އަހަރު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާދާރެވެ. ދެން، އިންސައްތަ ނުވަތަ 589.65 މިލިއަން ރުފިޔާއާއެކު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 370.57 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 113.80 މިލިއަން ރުފިޔާ ލިބިފައިވެއެވެ، އަދި އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 106.12 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 240.62 މިލިއަން ރުފިޔާ ވަނީ ލިބިފަިވެއެވެ.

މާރިޗު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 119.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަންވެސް ފަހާގަކޮއްލެވެއެވެ.