ލިޔުނީ: އަޒްހީން

އެންމެފަހުގެ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ރައްޔިތުންނަށް ވިއްކި "އެޖެންޑާ 19" ގެ ބޯހިޔާވަހިކަމުގެ ސިޔާތަގެ ދަށުން ކުރި ކަމެއް ފެންނަން ނެތް ކަމަށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އޭރު ބުނަމުން ދިޔައީ އެޖެންޑާ 19އިން ހުރިހާ ކަމަކަށް ހައްލު ލިބިގެންދާނެ ކަމަށާއި ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވިއެވެ. އެހެން ނަމަވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ލިބިފައި ނުވާކަމަށާއި ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިފައިވާ ފައިދާތަކާއިމެދުވެސް ހިނާ ވަނީ ސުވާލު އުދައްދަވާފައެވެ.

ހީނާ ވިދާޅުވީ އެޖެންޑާ 19 ފެއިލް ވުމަށްފަހު އައީ އެޖެންޑާ 20 ކަމަށާއި އެއީ ރައީސް އަޒުލު ކުރުމުގެ ބޭނުމުގައި ގެނެއި އެއްޗެއްކަމަށެވެ. އަދި ހަމައެހެންމެ، ނިމިދިޔަ ފަސްއަހަރާއި އަދި ކޮންމެ އެމްޑީޕީގެ ވެރިކަމެއްގައިވެސް ފެނިގެންދަނީ ވަރަށް ހަޑިހުތުރު މަންޒަރުކަމަށް ހީނާ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުންވެސް ފެންނަނީ މިފަދަ އެތައް މައްސަލަ ތަކެއް ކަމަށާއި މިގޮތުން އަލަމްގިރްގެ މައްސަލައާ އަންހެން ބޭފުޅެއްގެ ކަންފަތް މަތީގައި ޖެހުން ފަދަ ހަޑިހުތުރު ލަދުވެތި ކަންކަން ހިމެނޭކަމަށް ހިނާ ވިދާޅުވިއެވެ. އަލަމްގިރް މައްސަލައަށް އަލިއަޅުއްވާލަމުން ހީނާ ވިދާޅުވީ އަލަމްގިރް ފިޔަވާ އެހެން އެއްވެސް މީހެއް އެ ކޭސްގައި ކުއްވެރިވެފައި ނުވާކަމަށެވެ.

މީގެ އިތުރުން ޖިންސީ ގޯނާ އާއި ރޭޕްގެ އެތައް މައްސަލައެއްގެ ދައުވާ ޕީޖީއިން އުފުލާފައިވާ އަލީވަހީދުގެ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ކުރާތީ އެކަމަށްވެސް ހީނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހީނާ ވިދާޅުވީ ފެންނަ މަންޒަރަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލީވަހީދުގެ ކުރިމަގު އުޖާލާކޮށް ދިނުމަށް ނިކުމެވަޑައިގެން އުޅުއްވާ މަންޒަރު ކަމަށެވެ.

ހީނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މިފަދަ އެތައް ހަޑި އަމަލުތައް ހިންގާފައި ވާކަމަށެވެ. ނަމަވެސް މިހާރު މިބޭފުޅުން މި ނިކުންނަވަނީ ގައުމުގެ މިސްރާބު ހަމަމަގަށް އަޅުވަން ކަމަށާއި އަދި ގައުމުގެ މިސްރާބު ހަމަމަގަށް މިފަދަ ބަޔަކަށް އެޅުވޭނީ ކޮން ގޮތަކުންތޯ ހީނާ ވަނީ ސުވާކު ކުރައްވާފައިވެއެވެ.