އދ. ގެ ސަލާމަތީ މަޖިލީހަށް، އަލްޖަޒާއިރުން ހުށައަޅާފައިވާ ފަލަޞްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި ބެހޭ ޤަރާރަށް މާދަމާ އެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ހަމަޖައްސައިފި ކަމުގައި އަލްޖަޒީރާ އިން ހާމަކޮށްފިއެވެ.
މި ޤަރާރު ސަލާމަތީ މަޖިލީހަށް ހުށަހަޅާފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ. މި ޤަރާރަށް އދ. ގެ ޢާއްމު މަޖިލީހުގެ ތާއީދު ލިބިފައި ވެއެވެ. ނަމަވެސް ސަލާމަތީ މަޖިލީހުން ފާސް ނުވާ ނަމަ މި ޤަރާރުގެ ބުރަދަނެއް ނުހުންނާނެއެވެ.
އަލްޖަޒީރާ ނެޓްވޯކުގައި ވާ ގޮތުން މި ޤަރާރުގައި، އދ. ގެ މެމްބަރެއްގެ ދަރަޖަ ފަލަޞްޠީނަށް ދިނުމަށް ކަނޑައަޅާފައި ވެއެވެ. އަދި މި ޤަރާރަށް އދ. ގެ 193 ޤައުމުގެ ތެރެއިން 137 ޤައުމުން މިއަދާ ހަމައަށް ތާއީދު ކޮށްފައި ވެއެވެ. މީގެތެރޭގައި ހުޅަނގުގެ ގިނަ ގައުމުތަކުން ވެސް ތާއީދުކޮށްފައި ވެއެވެ. އަދި ވީޓޯ ނުކުރުމަށް ވެސް ބައެއް ޤައުމުތަކުން އެއްބަސްވެފައިވެއެވެ. ނަމަވެސް އެމެރިކާގެ ނިންމުން އަދި ސާފުނުވާކަމުގައި ވެއެވެ. މީގެ ކުރިން މި ފަދަ ޤަރާރެއް 2011 ވަނަ އަހަރުވެސް ހުށައެޅި އެވެ. ނަމަވެސް އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރު ޔޫއެސްއޭ. (އެމެރިކާ) އިން ވަނީ އެފަހަރު އެ ޤަރާރު ވީޓޯ ކޮށްފައެވެ.
އެހެން ނަމަވެސް މިހާރުގެ ޙަލާތަށް ބަލާއިރު ފަލަޞްޠީނާއި، އިސްރާއީލުގެ މަޝްރަޙަށް ބަދަލުތަކެއް އައިސްފައި ވެއެވެ. މިހާރު އިސްރާއީލުން ޣާޒާގައި ހިންގަމުންގެންދާ ޤަތުލްޢާއްމުގެ އިތުރުން ހުޅަނގު އައްސޭރިއަށް ދެމުންދާ ޙަމަލާތަކާއި، ކުރަމުންގެންދާ ކަންކަމާ ހުރެ، މެދު އިރުމަތީގެ މުސްލިމް، ޢަރަބި ޤައުމުތުގެ ނުރުހުން ބޮޑުވެ ބައެއް ޙާލަތްތަކުގައި އެމެރިކާގެ ވީޓޯކުރުމުގެ ބާރާއި، ބަސްމަގު ބަދަލުވެފައި ވެއެވެ.