މިދިޔަ ހަފްތާ ބަންދުގައި އިސްރާއީލަށް، އިރާނުން ދިން ރައްދު ޙަމަލާގައި އުރުދުނުން ކޮށްފައިވާ ކަމެއް ކޮށްފައި ވަނީ އެ ޤައުމުގެ މަޞްލަޙަތުގެ ޙިމާޔަތާއި، ސަލާމަތަށްޓަކައި ކަމަށް އުރުދުންގެ ރަސްގެފާނު ޢަބްދުﷲ 2 ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ހަފްތާ ބަންދުގައި އީރާނުން އިސްރާއީލަށް ދިން ރައްދު ޙަމަލާގައި ބޭނުންކުރި ހަތިޔާރުތައް އުރުދުންގެ މަތިން ވައްޓައިލުމުގައި އެމެރިކާ އާއި އިސްރާއީލަށް އެހީތެރިވެ ދީފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމާ ގުޅިގެން މެދު އިރުމައްޗާއި، އިސްލާމީ ޤައުމުތަކާއި، ދުނިޔޭގައި ގިނަ ބަޔަކު އުރުދުނަށް ފާޑު ކިޔަމުން ގެންދާ ދުވަސްވަރެއްގައެވެ.

ޢަބްދުﷲ ރަސްގެފާނު ވިދާޅުވި ގޮތުގައި އެހަތިޔަރުތައް ޖައްވުގައި ގޮއްވައިލައި އަދި ވައްޓާލުމަކީ އެއްގޮތަކަށް ވެސް އިސްރާއީލަށް މަދަދު ވެރިވުމުގެ ގޮތުން ކުރެއްވި ކަމެއް ނޫން ކަމަށާއި، އެކަމުގައި ބަލާފައި ވަނީ އެ މަނިކުފާނުގެ ޤައުގެ މަޞްލަތަށް ކަމުގައެވެ.

ޢަރަބި ނިއުސްގައި ލިޔެފައިވާ ގޮތުން ރަސްގެފާނު ޢަބްދުﷲ މިހެން ވިދާޅުވެފައި ވަނީ ބޭއްވެވި ނިއުސް ކޮންފަރެއްސެއްގައެވެ.

މީގެ އިތުރަށް ޖޯޑަންގެ ޚަރިޖީ ވަޒީރު އައިމަން ސަފާދީ، ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރާއެކު ބޭއްވެވި ނުސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުން، ދުނިޔޭގެ ނަޒަރު އެހެން ދިމާއަކަށް ބަދަލުކުރުވުމަށް މިހާރު އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ މަސައްކަތްކުރައްވާ ކަމަށާއި، އެކަން އެހެން ވިޔަ ދީގެން ނުވާނެ ކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަތަންޔާހޫ، އީރާނަށް ޙަމަލާ ދިނުމުގެ ވާހަކަ އާއި އެފަދަ ކަންތަކުގެ ވާހަކަ އަޑު އެރުވުމުގެ ބޭނުން ފުޅަކީ ފަލަޞްޠީނުގައި ހިންގަމުން ގެންދާ ޖަރީމާތަކުން ދުނިޔޭގެ ނަޒަރު އެހެން ދިމާ އަކަށް ބަދަލުކުރުން ކަމަށާއި، ކުރިއެކޭ ވެސް އެއްގަތަށް މިހާރު ވެސް ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުން ގެންދާ ޖަރީމާތައް އިޒްރޭލުން ހިންގަމުން ގެންދާ ކަމުގައެވެ. އަދި މިހާރު ފަލަޞްޠީނުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފައި ވާ ކަމަށާއި އެހެން ވުމުން ނަތަންޔާހޫ ވަރަށް ބޮޑަށް ޖެހިލުންވެ ވަޑައި ގަންނަވާ ކަމަށާއި މުޅި ދުނިޔެ އާއި އދ. ގައި އިސްރާއީލާއި، އެ ޤައުމުގެ ވެރިންނާ އިދިކޮޅު ރޫޙު ވަރަށް ބޮޑުވެފައި ވާ ކަމަށާއި، އިސްރާއީލާ މެދު މީހުން ނަފުރަތު ކުރާތީ މީހުންގެ ނަޒަރު ޣައްޒާ އާއި، ފަލަޞްޠީނުގެ ހަވާސާއިން އެހެން ދިމާއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައި ވާކަމުގައެވެ.