ލިޔުނީ: އަޒްހީން

ފެނަކަ ކޯޕަރޭޝަނުން ދަނީ ރާއްޖޭގެ އެކި ރަށްތަކަށް ކަރަންޓުގެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. މިގޮތުން 7 ރަށެއްގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ގެނެވުނު ޖެންސެޓުތައް ކަސްޓަމުން ކްލިޔަރކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައިފިއެވެ.

ފެނަކައިން މައުލޫމާތު ދެއްވި ގޮތުގައި 250 ކިލޯވޮޓްގެ ޖެންސެޓް ފޮނުވުމަށް ހަމަޖެހިފައިވާ ބ. ކިހާދޫ، ނ. ހެންބަދޫ އަދި ށ. މަރޮއްޓަށް ޖެންސެޓް ފޮނުވުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. އަދި ނ. މާފަރު، ބ. މާޅޮސް އަދި ރ. މާކުރަތަށް 400 ކިލޯވޮޓްގެ ޖެންސެޓް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ފެނަކައިން މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން ރ. އަލިފުށްޓަށް 600 ކިލޯވޮޓުގެ ޖެންސެޓެއް ގެންދިޔުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު މީގެ ކުރިން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އެކުންފުނިން ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ ޖެންސެޓްތައް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ގިނަ ރައްތަކެއްގެ އިންޖީނުގެތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ.