އެމަނިކުފާނުގެ ދުޢާއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މާދަމާ މިނިވަންވުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް ކުރުން ހައިކޯޓުން މާދަމާއަށް ވަނީ ތާވަލު ކޮށްފައެވެ.

"އަޅުގަނޑުގެ ދުޢާ އަކީ، އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން،” ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ ކެމްޕެއިން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ވާވު އަތޮޅު އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.