ތިންވަނަ ބައި

"އަހަރެން ވެސް ތަފާތު ވާނެ!" ހުދު ދަތްތައް ފެންނަވަރަށް ހީނލަމުން މިކްޔާއީލް ޖަވާބު ދިނެވެ. މިފަހަރު އެ ހުނުމުގެ ސަބަބުން ޒާއިރާއަށް އިތުރު ކަމެއް ވެސް ފާހަގަ ކުރެވުނެވެ. ހުނުމުގެ ސަބަބުން މިކްޔާއިލްގެ މޫނަށް އައި ބަދަލެވެ. ދެލޯ ކުޑަކޮށް ކުޑަވެލާފަ ދެ ކޮލުން ފާޅުވި އަޑިކޮޅެވެ. އަދި މޫނުމަތީގެ ސިފަޔާ ބައްޓަމަށް އައި ހިތްގައިމުކަމެވެ. އެ ވަގުތު ކޮންމެވެސް ތަނަކުން މި ސިފަ ދެކެފައިވާކަމަށް ޒާއިރާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

"ނަން މާ ދިގުވީމަ ކިޔަން އުދަނގޫވީތަ! މިކް ކިޔާ!" އެ އަޑުގައިވަނީ އޯގާތެރިކަމެވެ.

"ބިރެއް ނުގަނޭތަ ކޮންމެ ރެއަކު މިގަޑީގަ ތިތާ ހުންނަން!" އަނެއްކާވެސް ވާހަކަ ދެއްކީ މިކްޔާއީލްއެވެ.

"ބިރުގަންނަން ވީ ކޮންކަމަކާ! މިކް ވެސް ތިއުޅެނީ ހޭލާނު މިގަޑީގަ!" ޒާއިރާ ސާބިތުކަމާއެކު ބުނެލިއެވެ.

"އަހަރެމެން ތަފާތުވާނެ! އެހެންނޫނަސް ތިއީ މިރަށަށް ބީރައްޓެހިންނެންނު!" ވަރަށް ހަމަ ޖެހިލާފަ މިކްޔާއީލް ޖަވާބު ދިނެވެ.

އެ ވަގުތު ބަންގީގެ އަޑު އިވެން ފަށައިފިއެވެ. މިސްކިތް ހުންނަނީ ޒާއިރާމެން ތިބޭ ގެއާ ތަންކޮޅެއް ދުރުގައެވެ. އެކަމަކު ބަންގީގެ އަޑާ ނަމާދުކުރާ އަޑު އަބަދުވެސް ވަރަށް ސާފުކޮށް އިވެއެވެ.

"އެއޮތް ބަންގި ގޮވަނީ!... ދެން ނުހުރެވޭނެ!" މިކްޔާއީލް ހިނގައިގަތެވެ. ޒާއިރާ ބަލަން ހުރީއެވެ. އެ ހިންގުން ވަރަށް ލުއި ވެފައި އަވަހެވެ.

"އެހާ ޒުވާން އުމުރުގައި ނަމާދަށް ފަރުވާތެރިވާނީ ވަރަށް އަޚުލާގު ރަނގަޅު ދީނަށް ލޯބިކުރާ ކުދިންނެވެ. އެއީ މިހާރު ވަރަށް މަދު ބައެކެވެ. މިކްޔާއީލްއަށްޓަކައި ޒާއިރާގެ ހިތުގައި ގަދަރު އުފުލިގެން ދިޔައެވެ.

ޒާއިރާ ގޮސްވަނީ ކޮޓަރިއަށެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާ ހެދި އޮށޯންނަ ހިތެއް ނުވިއެވެ. އެންމެ ފަހުން ފާޚާނާއަށްވަދެ ވުޟޫކޮށްލިއެވެ. ދެން ގޮސް ފަތިސްނަމާދަށް އެރިއެވެ. މަލާކުއަށް ތެދުވެވުނީ ޒާއިރާ ނަމާދުކޮށް ނިމުނުތަނާއެވެ. ފުރަތަމަވެސް މަލާކުއަށް ބަލަހައްޓައިގެން ހުރެވުނީ ޒާއިރާއަށެވެ. ހައިރާންވެފައެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް މަލާކުއަށް ފެނިފައިވާ މަންޒަރަކަށް ނުވާތީއެވެ. އެހެންނަމަވެސް އަނގައިން ނުބުނެ އިނދެފައި ޒާއިރާ ތެދުވެގެންގޮސް އެނދުގައި އޮށޯތުމުން މަލާކު ގޮސް ފާޚާނާއަށް ވަނީއެވެ. މިރޭ މަލާކު ވެސް ފަތިސް ނަމާދުކުރާނެއެވެ. އެއީ ކުރަން ޖެހޭ ކަމެކެވެ. ފަރުވާ ކުޑަކަމުން ނުކުރެވެނީއެވެ.

މަލާކު ފާޚާނާއިން ނިކުތްއިރު ޒާއިރާ އޮތީ ގަދަޔަށް ނިދާފައެވެ. މަލާކު ނަމާދުކޮށް ނިންމާލާފަ ކުޑަކޮށް ބޭރަށް ޖެހިލިއެވެ. ހޫނު ކޮފީއެއް ބޯލުމަށެވެ. އެއީ އުޑުމަތި ސާފު ވެފައި ރީތި ރެއެކެވެ.

ޒާއިރާމެންގެ މަސައްކަތް ކުރިއަށް ދިޔައެވެ. އެދުވަހަކީ ރަށުތެރޭގައި އެމީހުން އުޅުނު ދުވަހެކެވެ. ރެއާ ޚިލާފަށް ހަވީރު އަތަށް އެޅިއިރު މޫސުން ރަނގަޅެއް ނޫނެވެ. އެހެންނަމަވެސް މަސައްކަތް ނިންމާލަން ހިފާފަ ހުރީ ހަވީރު ހަޔަކުން ކަމުން އެމީހުންގެ މަސައްކަތް ކުރިއަށް ދިޔައެވެ. އެކިއެކި މީހުންނާ އިންޓަރވިޔު ކުރުމެވެ.

މަސައްކަތް ނިންމާލަން އޮތް ވަގުތުގެ ކުޑަވަގުތުކޮޅެއް ފަހެވެ. ދެމީހުން ވެސް އުޅުނީ އަވަހަށް ގެއާ ހަމައަށް ދެވޭތޯއެވެ. އެއީ ގެއާ މާދުރު ނޫންހިސާބަކަށްވާތީ ބޭނުންވީ ހިނގާލާފައި ދިއުމަށެވެ.

ކުއްލިއަކަށް ބޮޑެތި ފެންތިކިތަކަކާ އެކު ވާރޭ ވެހެން ފަށައިފިއެވެ. އޭރު ޒާއިރާ ހުރީ ވާރޭ ވެހިގެންފާނެތީ ގެންގުޅުނު ކަރުދާސްތައް އެއްކޮށްލާ ދަބަހަށް ލުމުގައެވެ. މަލާކު ހުރީ ޒާއިރާއަށް ވުރެ ކުރީގައެވެ. ވާރޭ އޮއްސައިލުމުން އަންނާށޭ ބުނަމުން މަލާކު ދުއްވައިގަތީ ތަންކޮޅެއް ދުރުގައިހުރި ގެއަކާ ދިމާއަށެވެ. ޒާއިރާ ވެސް ދުއްވައިގަތެވެ. ކަރުދާސްތައް ދަބަހަށް ލަމުން ލަމުން މަލާކުގެ ފަހަތުންނެވެ. އެހެންނަމަވެސް ދެ ފައިލެއް ކަރުދާސްތަކާ އެކު ބިންމައްޗަށް ވެއްޓުމުން ޒާއިރާ ގުދުވެ ކަރުދާސްތައް ހޮވަންފެށީ އެ ތެމުމުގެ ކުރިން އަވަހަށް ދަބަހަށް ލެވޭތޯއެވެ.

ކަރުދާސްތައް ނަގާ ދަބަހަށް ލަމުން ގުދުވެގެން އޮތް ޒާއިރާއަށް ހިންދަމައިލެވުނު އިރު ފުރަގަހުން ހެދުން ކޮންމެވެސް ވަރަކަށް ތެމިއްޖެ ވެސް މެއެވެ. އޭރު މަލާކު ދުވެގޮސް ވަންގޭގެ އަސްކަނި ދަށުގައި ހުރެގެން ޒާއިރާއަށް ހަނާއަޅަނީއެވެ.

ޒާއިރާ ވަށައިގެން ލޯހިންގައިލިއެވެ. އެއަށްވުރެ ކައިރި ހިސާބަކުން ފަސޭހައިން ބޯހިޔާވެލާނެ ގެއެއް ފެނޭތޯއެވެ. ނަސީބު އޭނަގެ އަތުގައި ހިފީ ވަރަށް އޯގާތެރިކޮށެވެ. ކަނާތްފަރާތު އަރިމަތީހުރި ކުޑަކުޑަ އެހެނަސް ރީތިކޮށް ހަދާ ފުޅަލި ލާފަހުރި ގެ އޭނަގެ ލޮލުގައި އަޅާގަތުމާ އެކު އެދިމާއަށް ދުއްވައިގަތީ އިތުރު ވިސްނުމަކާ ވެސް ނުލައެވެ. މަލާކު ހުރި ގެއާ ހިސާބަށް ދެވެންވާއިރަށް ޔަގީނުންވެސް އޭނާ ތެމި ފޯވާނެކަން އެނގޭތީއެވެ.

ކުރިންވެސް ފުޅަލި ހުރީ ކުޑަކޮށް ހުޅުވިފައިކަމުން ޒާއިރާ ދުވެ ގޮސް އެއް އަތުން އަތްޖައްސާލާއިރަށް ފުޅަލީގެ އެފަރާތް އެއްކޮށް ކަހަލަ ގޮތަކަށް ހުޅުވިއްޖެއެވެ. ޒާއިރާ ދުވެގޮސް އެގޭގެ ހިޔާކޮށްފައިވާ ބޭރުފެންޑާގައި މަޑުކޮށްލިއެވެ. އަދި ވާރޭތިކިތަކުން ހެދުމުގައި ހަރުލާފައިވާ ފެންތިކިތައް ފޮޅަން ފަށައިފިއެވެ. އެއަށްފަހު މޫނުން ވެސް ފެން ފޮހެން ފަށައިފިއެވެ.

"އަހަރެން ފޮހެދެންތަ!" ކުއްލިއަކަށް އިވުނު އަޑާއެކު ޒާއިރާ ސިއްސައިގެންދިޔައެވެ. ވަށައިގެން ހޯދައިލިއެވެ. މި ބީރައްޓެހި ރަށުގައި އެހާ ބިރުކުޑަކޮށް އެކަހަލަ ވާހަކައެއް ބުނަން ކެރުނީ ކާކަށް ހެއްޔެވެ! ޒާއިރާއަށް ފެނުނީ ވަރަށް ގާތުގައި މިކްޔާއިލް ހުއްޓިގެން ހުރިތަނެވެ. މިކްޔާއީލް ފެނުމުން ޒާއިރާއަށް ހިނިތުންވެލެވުނެވެ. އަދި ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. މި ނުވެސް ދަންނަ ގެއިން ދަންނަ މީހަކާ ދިމާވީމައެވެ. އެވެސް އަދި އެހާ ޚާއްސަ މީހެކެވެ.

"މިގޭގަ ކީއްކުރަނީ!... މިއީ ކޮން...." ޒާއިރާއަށް އޭނަގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

"ހީކޮށްލާ މިއީ އަހަރެން ދިރިއުޅޭ ގެ ކަމަށް!" މިކްޔާއީލްގެ އަޑުގައި މިފަހަރު މާ ބޮޑު އަސަރެއް ނެތެވެ.

"ކޮބާ މިގޭ އެހެންމީހުން!" ޒާއިރާއަށް އެހެން އަހައިލެވުނީ ކުޑަކޮށް ވައި އަޑުން ސިއްރުންނެވެ. އަދި ގޭތެރެއިން މީހަކު ފެނޭތޯ ލައްޕާލާފައިވާ ސިޓިންގރޫމުގެ އެތެރެ ހޯދައިލުމުގެ ނާކާމިޔާބު މަސައްކަތް ކުރަމުންނެވެ.

"އަހަރެން މިހިރީނު! އަހަރެމެން ދެމީހުންގެ ތެރެއަށް އިތުރުމީހަކު ނައުމެންނު ރަނގަޅީ!" މިފަހަރު އެ އަޑުގައިވަނީ ލާނެތްކަމެވެ. ޒާއިރާ ލަދުން އިސްޖަހައިލިއެވެ. މިކްޔާއީލް ބަލަންހުރުމުންނެވެ.

މިކްޔާއީލް އައިސް ހުއްޓުނީ ކުރިއަށްވުރެން ވެސް ޒާއިރާއާ ގާތުގައެވެ.

"ބާލަލަބަލަ، ކިހާ ހިތްގައިމު! ޒައިއަކަށް އުފާވެރިކަން އިހުސާސެއް ނުވޭތަ!" މިކްޔާއީލް އިޝާރާތްކުރީ ވާރެއަށެވެ. އެވަގުތު ވާރެއިން ލިބެމުން ދިޔަ ހިތްގައިމުކަމަށްވުރެ ޒާއިރާއަށް އުފާވެރިކަން އިހުސާސްވީ މިކްޔާއީލް ޒާއިރާގެ ނަން ބޭނުން ކުރި ގޮތުންނެވެ. އެހެންކަމުން ޖަވާބެއް ދިނުމުގެ ބަދަލުގައި ޒާއިރާއަށް އިސްއުފުލާލާ މިކްޔާއީލްގެ ލޮލަށް ބަލައިލެވުނެވެ.

"މިކް!" ޒާއިރާއަކަށް އެ ވާހަކަ ދުލާހަމައަށް ގެންނާކަށް ނޭނގުނެވެ. އެހެންކަމުން ހިނގާލާފަ ދެތިން ފިޔަވަޅު އަރިމައްޗަށް ޖެހިލާ އެތާ ހުރި ތަނބުގައި ބުރަކަށި ޖައްސައިލިއެވެ. މިކްޔާއީލްއާ މާ ކައިރީގައި ހުންނަން ވެއްޖެއްޔާ އޭނަގެ ހިތް ކޮންޓްރޯލުން ބޭރުވެދާނެހެން ޒާއިރާއަށް ހީވަނީއެވެ. ޒާއިރާ ދުރަށް ޖެހިލުމުން މިކްޔާއީލް އައިސް އަނެއްކާ ވެސް ޒާއިރާ ގާތު މަޑުކޮށްލިއެވެ.

"އުދަނގޫވަނީތަ! ... އަހަރެން ދާންވީކަންނޭނގެ!" އެއަޑުގައިވަނީ މޮޅިވެރިކަމެވެ. މިކްޔާއީލް އެނބުރި ހިނގައިގަތެވެ. މިކްޔާއީލް ވިސްނި ގޮތް ތަފާތީއެވެ. ޒާއިރާއަށް ބޭއިޚުތިޔާރުގައި އަތް އެއްލާ ހިފެހެއްޓުނީ މިކްޔާއީލްގެ އަތުގައެވެ. ހުއްޓުވަންވެގެންނެވެ. ދާން ދޫކޮށްލަން ބޭނުން ނުވީއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އެ އަތުން ދޫކޮށްލާ ސޮރީއޭ ބުނެލީ ލަދުވެތިކަމާއެކުގައެވެ. އެ އަތުގެ ހޫނުން ހިތަށް ފިނކަން ލިބުނަސް އެވެ. ޒާއިރާއަށް އެ ކުރެވުނީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

"ޒައި އަކަށް އަދި ނޭނގޭނު އަހަރެން މި ކާކުކަމެއް ވެސް!" މިކްޔާއީލްގެ އަޑުގައި މިފަހަރުވެސް މޮޅިވެރިކަން އެކުލެވިފައިވިއެވެ.

"އަހަންނަށް ... އަހަންނަށް.... ސޮރީ!" ޒާއިރާ ނިކުމެގެން ދުއްވައިގަތީ މިކްޔާއީލް ހީވެސް ނުކޮށްހުއްޓައެވެ. އެހެންކަމުން ޒާއިރާ ދުވެ މަގުމައްޗަށް ނިކުތް ދިމާއަށް ބަލަހައްޓައިގެން މިކްޔާއީލްއަށް ހުރެވުނެވެ. އެ މޫނު ވަނީ މިލާފައެވެ.

އެނބުރި ފަހަށް ބަލައިނުލާ ދިޔަގޮތަށް ކުރިއަށް ގޮސް ޒާއިރާ ވަނީ މަލާކު ހުރި ގޭގެ އަސްކަނި ދޮށަށެވެ. އޭރު ވާރޭ ވެސް ތުނިކޮށްލައިފިއެވެ. އެހެންކަމުން އެގޭ މީހުން ދިން ކުޑައެއް ހިފައިގެން މަލާކު އުޅުނީ ޒާއިރާ ބަލާ ދިއުމަށެވެ.

"އޭ ކޮންތާކު އުޅެފަ ތި އައީ! ތި އޮތް ތެމެނީނު!" މަލާކު ހުރީ ކަންބޮޑުވެފައެވެ. ޒާއިރާ ނައިސްގެންނެވެ.

"ހިނގަ ދާން! ވާރޭ ތެރޭ އުޅެންޏާ ތެމޭނެނު!" ކުޑަދަށަށް ވަނުމުގެ ބަދަލުގައި ޒާއިރާ ހިނގައިގަތެވެ. އޭނާގެ ހިތަށް ވަނީ ބަޔާންކުރަން ނޭނގޭ އުދަނގޫތަކަކާ ކުރިމަތިވެފައެވެ. އެހިތަށް ވަނީ އަނިޔާ ލިބިފައެވެ. އުފަލުގެ ބަދަލުގައެވެ. ސަބަބެއް ނެތިއެވެ.

މަލާކު ހީކުރީ ޒާއިރާއާ ނުލާ ދުވެގޮސް ހިޔަލަކަށް ވަނުމުން ޒާއިރާ ހިތްހަމަ ނުޖެހި ހުރީކަމަށެވެ. އެކަމަކު އެއީ ޒާއިރާގެ ގޮތެއްވެސް ނޫނެވެ.

"އޭ ސޮރީ އިނގޭ! ހީކުރީ ޒައި ވެސް ދުވެފަ އަންނާނެކަމަށް.. ފައިލްތައް ވެއްޓުނީމަ ދޯ ލަސްވާން ޖެހުނީ!.. އަސްލު ވެސް ސޮރީ!" މަލާކު ހުރީ ހަމަ ރަނގަޅަށް ވެސް ދެރަވެފައެވެ. އެކަން އަޑުން އެނގެއެވެ.

"އިޓްސް އޯކޭއޭ!" ޒާއިރާ އޭނަގެ އަސްލު ގޮތުގައި މަލާކުއަށް ހިނިތުންވުމެއް ދެމުން ޖަވާބު ދިނެވެ. އެހިތުގައި އަނދަމުން ދިޔަ ގިނީގެ ދިލަ ކިތަންމެ ގަދަޔަސް ވެހެވެ.

ދެކުދިން ގެއަށް ގޮސް ހެދުންބަދަލުކޮށް ނިމިގެން މަލާކު ބޭނުންވީ ހޫނު ކޮފީއެއް ބޯލާށެވެ. އެހެންކަމުން ކޮފީއެއްބޭނުންތޯ އަހަމުން މަލާކު ގޮސް ވަނީ އެގޭގެ ކާކޮޓަރިއަށެވެ. ފެން ހޫނުކޮށްގެން ދެތަށި ކޮފީ ހިފައިގެން އެނބުރި ކޮޓަރިއަށް އައި އިރު ޒާއިރާ އޮތީ އެނދުގައި މަގަތަށް ފުރަގަސްދީގެން ނިދިފައެވެ. މަލާކު ދެފަހަރަކު ގޮވައިވެސް ލިއެވެ. އެކަމަކު ޒާއިރާ ލޯ ހުޅުވައި ނުލުމުން މަލާކު އެނބުރި ސިޓިންގްރޫމަށް ދިޔައީއެވެ.

ޒާއިރާއަށް ހޭލެވުނީ މީހަކު ޒާއިރާގެ ނަމުން ގޮވައިލި އަޑަށެވެ. އެއަޑު ވައްތަރީ މިކްގެ އަޑާއެވެ. އެހެންނަމަވެސް މިކްޔާއީލް އެއް އެތާކު ނުހުންނާނެކަން ވެސް ޒާއިރާއަށް އެނގެއެވެ. އެއީ މިކްޔާއީލް ވަނދެ އުޅޭ ގެއެއް ކަމެއް ޒާއިރާއަކަށް ނޭނގެއެވެ. އެގޭގެ ފުޅަލީގެ ކުރިމަތިން ދިމާވި އެއްވެސް ފަހަރަކު ވެސް މިކް އެގެއަކަށް ނުވަދެއެވެ. އަދި އެގޭ އެއްވެސް މީހަކާ ރައްޓެހި ވާހަކައެއް، ދަންނަ ވާހަކައެއް ވެސް މިކް ބުނެފަކާ ނެތެވެ. އެކަމަކު އެ އަޑު އަސްލު ވެސް ޒާއިރާއަށް އިވުނެވެ. މިކް އުޅުނީ ކޮންމެވެސް ވާހަކައެއް ބުނަންހެން ވެސް ޒާއިރާއަށް ހީވިއެވެ.

ޒާއިރާ ރަނގަޅަށް ލޯހުޅުވައިލާ މުޅިކޮޓަރިތެރެއަށް ނަޒަރު ހުއްޓައިލިއެވެ. މަލާކު ވީ ކޮންތާކުހެއްޔެވެ! އަނެއްކާ މަލާކު ބޭރަށް ދިޔައީކީ ނޫންހެއްޔެވެ. އަތުކުރީ އޮތްގަޑިއަށް ބަލާލަން ޒާއިރާ ބޭނުންވީ ނިދިފައި އޮވެވުނީ ކިހާއިރަކުތޯ ޔަގީން ކޮށްލުމަށެވެ. މާގިނައިރެއް ނުވެއެވެ.

މަޑުމަޑުން އެނދުން ތެދުވެ ޒާއިރާ މޯޅިއަކަށް ދެމިލިއެވެ. އަދި ތެދުވެ ކޮޓަރިން ބޭރަށް ބޯދިއްކޮށްލާ މަލާކު ފެނޭތޯ ހޯދައިލިއެވެ. އޭރު އުނދޯލީގައި މަލާކުއާ ޒުހުރާއްތަ ތިބިތަން ޒާއިރާއަށް ފެނި އެދިމާއަށް ހިނގައިގަތެވެ. ބޭނުމަކީ އިތުރު މީހަކު އެތާ ހުރިތޯ ޔަގީންކޮށްލުމެވެ.

"ހާދަ އަވަހަކަށް ތި ތެދުވީ! .. އަހަރެން ހިތުން ބޭރުގައި މަޑުކޮށްލީ ޒާއި އަށް ނިދަން ވަގުތުކޮޅެއް ދޭން ކަމަށް!" މަލާކު ވާހަކަ ދެއްކީ ޒާއިރާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.

"ނިދޭ ގޮތެއް ނުވި!" މޫނުމަތީގައި އަތް ހިންގާލަމުން ޒާއިރާ ވާހަކަދެއްކިއެވެ. އަދި ކުރިއަށް ހިނގާ ގޮސް އާންމުކޮށް އޭނަ އިށީންނަ ޖޯލީގައި އިށީނެވެ.

"މާ ރަނގަޅެންނު ތިވީ ގޮތް! ދެން ގޮވާނީ އިޝާނަމާދަށް ވިއްޔަ! ދެ ނަމާދު ދޭތެރޭ ނިދާކަށް ނުވާނެ!" ކުޑަކޮށް ހީނލަމުން ޒުހުރާ ވެސް އެދެކުދިންގެ ވާހަކާގައި ބައިވެރި ވެލިއެވެ.

"ދައްތަ ކޮފީއެއް ގެނެސްދެންތަ!" ޒުހުރާ ބޭނުންވީ ނަމާދަށް ގޮވުމުގެ ކުރިން ޒާއިރާއަށް ކޮފީތައްޓެއް ދީފައި ކޮޓަރިއަށް ވަންނާށެވެ. ފަހަރެއްގައި ހަވީރު ސައި ނުބޮއެ ވެސް އެކުދިން ތިބެފާނެއެވެ. ސައިގެ ވާހަކަ ނުދެއްކީ ސަޔަށް ވަކި އެއްޗެއް ހޯދިފައި ނެތުމުންނެވެ. އެ ކުދިން އާންމުކޮށް އެ ގަޑީގައި ގޭގައި ނުތިބޭތީ ސައި ބޯނެ އެއްޗެއް ނުހޯދަނީއެވެ.

ޒާއިރާ ބޯ ޖަހާލުމުން ޒުހުރާ ވަދެގެން ދިޔައީއެވެ. އިރުކޮޅެއް ވެސް ނުވެ ޒުހުރާ ކޮފީތަށި ހިފައިގެން އައިސް ޒާއިރާ އަތަށް ކޮފީތަށި ދިއްކޮށްލިއެވެ. އެ ވަގުތަކީ މަލާކު ކޮފީ ބޮއެ ނިންމާލާފަ ތަށި ހިފައިގެން ގޭތެރެއަށް ހިނގައިގަތް ވަގުތެވެ. އެހެންކަމުން އެތަށި އަތުލަމުން ޒުހުރާ ވެސް ވަދެގެން ދިޔައީ އެތެރެއަށެވެ.

ޒާއިރާ ކޮފީތަށީގައި ތުން ޖަހާ ކޯވަރެއް ދަމައިލިއެވެ. ދެން މަޑުމަޑުން ކުރިމަތިން ފެންނަން ހުރި ހުވަނދުމާގަހަށް ނަޒަރު ހުއްޓައިލިއެވެ. މިރޭ އެގަހުގައި ފޮޅިފައިހުރި މާ ވަރަށް މަދެވެ. ކޮންމެވެސް މީހަކު ހެދިކާ ހަދަން މާފެންއަޅަން މާ ބިނީކަންނޭނގެއެވެ. އެކަމަކުވެސް ކުރީ ދެ ރެއެކޭ އެއްގޮތަށް ޖެހިލި ވައިރޯޅީގައި ހުވަނދުމަލުގެ ހިތްގައިމު މީރުވަސް އެކުލެވިފައި ވެއެވެ. ޒާއިރާއަށް އެތެރެއަށް ދެ ފަހަރަކު ނޯށް ދަމައިލެވުނެވެ. އަދި ބޭއިޚުތިޔާރުގައި ތެދުވެގެން ގޮސް އާދައިގެ މަތިން ހުވަނދުމާގަހުގައި މަޑުމަޑުން އަތް ހިންގައިލިއެވެ.

(ނުނިމޭ)