ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިރޭ ބާތިލު ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ވެއްޖެއެވެ.

ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި 2022 ވަނަ އަހަރުއެވެ. ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމް ކުރީ މާލެ އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއްމިލިޔަން ޑޮލަރު ނެންގެވި ކަމަށެވެ. އެއަށްފަހު މަނީ ލޯންޑްރިންގެ ކުށުގައި 7 އަހަރަށް އެމަނިކުފާނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

ހައިކޯޓުން މިރޭ ކުރި ހުކުމުގައިވާ ގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ބައެއް ފުރުސަތު ގެއްލި، ބައެއް ހައްގުތައް ގެއްލިގެން ގޮސްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށް ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ޔާމީންގެ ޖަލު ހުކުމްތައް ހައިކޯޓުން ބާތިލު ކުރުމާއެކު މިމައްސަލަ އަލުން ބެލުމަށްވެސް ދައުލަތުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.