ސަހްޔޫނީ ދައުލަތް، އިޒްރޭލުން އިރާނުގެ އިސްފަހާނަށް ޑްރޯނުން ހަމަލާދީފި ކަމަށް ދުނިޔޭގެ ވަރުގަދަ މީޑިޔާތަކުން ރިޕޯޓް ކޮށްފިއެވެ.

އިރާނުގެ ރަސްމީ ނިއުސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވަނީ އިޒްރޭލުން ހަމަލާދީފައި ވަނީ އިސްފަހާނުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ކަމަށެވެ. މިސަރަހައްދުގައި ނިއުކްލިއަރ ޕްލާންޓެއްވެސް ހުރެއެވެ. އެކަމަކު ނިއުކްލިއަރ ޕްލާންޓަށް ހަމަލާ އަމާޒުވި ކަމެއް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އިރާނުގެ ރަސްމީ ޓީވީއިން އަސްކަރިއްޔާއާ ހަވާލާދީ ބުނީ އިރާނު ގަޑިން ރޭ ފަތިހު އިސްފަހާން މަތިން 3 ޑްރޯން އުުދުހުނު ކަމަށާއި އެއަރ ޑިފެންސް ސިސްޓަމުން ޑްރޯންތައް ވައްޓާލި ކަމަށެވެ.

އިޒްރޭލުން އިރާނަށް ހަމަލާ ދީފައި މިވަނީ މިދިޔަ ހަފްތާގައި އިރާނުން ތިންސަތޭކައަށްވުރެ ގިނަ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން އިރާނުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމަށް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެއެވެ. އިރާނުން އިޒްރޭލަށް ހަމަލާދިނީ ސީރިޔާގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަށް އިޒްރޭލުން ހަމަލާދީ އިރާނުގެ ޖެނެރަލަކާއި އިތުރު 5 އޮފިޝަލުން މަރާލުމާ ގުޅިގެންނެވެ.