ށ. ކޮމަންޑޫ އަދި މިލަންދޫގައި ތަރައްޤީ ކުރުމަށް މިސަރުކާރުން ވައުދުވެފައިވާ އެއަރޕޯޓުގެ މަސައްކަތުގެ ސަރވޭ ކުރުމާއި ޑިޒައިން ކުރުން އަދި އީއައިއޭ ހެދުން މޯލްޑިވްސް ކޮންޓްރެކްޓްރިންގ ކޮމްޕެނީ (އެމްޓީސީސީ)އާ އިއްޔެ ހަވާލު ކޮށްފިއެވެ.

ކޮމަންޑޫ އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި ސަރވޭ ކުރުމާއި ޑިޒައިން ކުރުން އަދި އީއައިއޭ ހެދުމުގެ އެއްބަސްވުން ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓުގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މޫސާ ފަތުހީ އާދަމެވެ. މިއެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޡީމް އެވެ. އެމްޓީސީސީގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީއެވެ.

ކޮމަންޑޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން އޮތީ އެރަށުގައެވެ. މިރަސްމިއްޔާތަށް އެރަށް ވަޑައިގެންނެވި ސަރުކާރުގެ ވެރިންނަށް އެރަށުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

މިލަންޑޫ އެއަރޕޯޓް ސަރވޭ ކުރުމާއި ޑިޒައިން ކުރުން އަދި އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޑީއެމްޑީ މުޣުނީއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނާޒިމެވެ.

ކޮމަންޑޫ އަދި މިލަންދޫގައި އެއަރޕޯޓް އެޅުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ރިޔާސީ ވައުދެއްކަން ފާހަގަ ކޮށްލެވެއެވެ. މިސަރުކާރުން ނިންމާފައި ވަނީ މިދައުރު ނިމުމުގެ ކުރިން 15 އެއަރޕޯޓް އެޅުމަށެވެ.

ކޮމަންޑޫ އާއި މިލަންދޫގެ އެއަރޕޯޓުގެ އިތުރުން ށ.ބިލެތްފަހި، ތ.ގުރައިދޫ އާއި ވިލުފުށީގެ އެއަރޕޯޓްގެ މަސައްކަތްވެސް ސަރުކާރުން އިއްޔެ ވަނީ އެމްޓީސީސީއާ ހަވާލު ކޮށްފައެވެ.