ރާއްޖެއަށް މުހިއްމީ އަމާންކަމާ ހަމަޖެހުމާއެކު ހަލުވި ދުވެލީގައި ތަރައްޤީ ގެނެއުން ކަމަށާއި، އެކަމަކު ކުރިއަށް އޮތް ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތް ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅުން މުޅިންވެސް ދައްކަވަމުން ގެންދަވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރައީސުލް ޖުމްހޫރިއްޔާ އަޒުލު ކުރާނެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިން ވާހަކަ ދައްކަނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ވާހަކަ ކަމަށާއި އެކަމަކު މިހާރު ފާޅުކޮށް އިދިކޮޅުން ގޮވަމުން އެގެންދަނީ ރައީސް އަޒުލު ކުރާނެ ވާހަކަ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް މިވީ ފަސް މަސް ދުވަހުގެ ތެރޭގައިވެސް އިދިކޮޅު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުން މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށެވެ. އެހެން ކަމުން ސަރުކާރަށް އެއްބާރުލުން ނުދޭ މަޖިލީހެއް ހޮވުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
"މިގައުމަށް ބޭނުން ވަނީ ހަމަޖެހުން. މެނިފެސްޓޯއާ އެއްގޮތަށް މަސައްކަތްކުރަން މަޖިލިސް ބޭނުން. މަޖިލީހާ ސަރުކާރާ ކޯޅި ގައުމު ހުއްޓިގެން އޮވެގެން ނުވާނެ. ސަރުކާރުގެ މެމްބަރުންނަށްވެސް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅަށް މަޖިލިސް ލިބިއްޖެނަމަ ބަޣާވާތް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ ވެރިކަމަށް އެންމެ މަހެއް ނުވެ އުޅެނިކޮށްވެސް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީއިން މަސައްކަތް ކުރިއެވެ. އަދި ދާދިފަހުން ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ރައީސް ކަމުގެ މަގާމުން ޑރ.މުއިއްޒު އަޒުލު ކުރަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.