ވިހި ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ބަރާބަރު އެއްދުވަހަށް ވީއެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި މިހާރުވެސް އޮތް އިދިކޮޅު އެމްޑީޕީއި ގެންދަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. އެއްބަޔަކު އަނެއްބަޔަކު ދަނީ ދިވެހި ރައްޔިތުން އެބަޔަކަށް މެޖޯރިޓީ ދޭން ޖެހޭ ސަބަބުތައް ކިޔައި ދެމުންނެވެ.
ވެރިކަމާއި ސުޕަރ މެޖޯރިޓީ ލިބުމުން އެމްޑީޕީ ކަންކުރީ ކިހިނެއް؟
2018 ވަަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު، ޖެހިގެން އައި 2019 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް އެމްޑީޕީއިން ނިކުތީ "އެޖެންޑާ 19" ހިފައިގެން "ރައްވެހި ފަތިސް" ދިވެހިންނަށް ދެއްކުމަށެވެ. އެމްޑީޕީގެ އެދުމާއި އެއްގޮތަށް ދިވެހިން އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ދިނެއެވެ. އެއަށްފަހު 2019 އިން ފެށިގެން މިއަދާ ހަމައަށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގައި އެޕަޓީގެ މެމްބަރުން ކުރި މަސައްކަތަށް ދޭނެ ރިޕޯޓެއް ނިންމާނީ ދިވެހި ރައްޔިތުންނެވެ.
އެމްޑީޕީއިން އަބަދުވެސް ދިވެހިރައްޔިތުންގެ ހިތާ ކުޅުމަށް ގެންގުޅޭ މައިގަނޑު އުކުޅުތަކަކީ އިންސާފު ޤާއިމް ކުރާނެ ކަމަށް ދައްކާ ވާހަކަތާއި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ދިވެހިރާއްޖެއެއް ހޯދައިދޭނެ ކަމަށް ދައްކާ ވާހަކަތަކާއި ބޯހިޔާވަހިކަމަށް ސަލާން ޖެހުން ހުއްޓުވާނެ ކަމަށް ދައްކާ ވާހަކަތެކެވެ. ވެރިކަމުގައި ތިބެ، ރައްޔިތުންގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަކާއެކު ފާއިތުވެދިޔަ ފަސް އަހަރު ރާއްޖޭގައި އިންސާފު ޤާއިމް ކުރެވިފައި އޮތް މިންވަރާއި ކަރަޕްޝަން ހުއްޓުވިފައި އޮތް މިންވަރާއި ކޮރަޕްޝަނަށް މަގުފަހިވެފައި ހުރި ދޮރުތައް ބަންދު ކުރެވުނު މިންވަރާއި ބޯހިޔާވަހިކަމަށް ދިވެހި ނިކަމެތި ރައްޔިތުން ސަލާން ޖެހުން ހުއްޓުވުނުތޯ ނިންމާނީ ދިވެހި ރައްޔިތުންނެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ފުރިހަމަ ތަހްގީގެއް ހިންގައި ހިޔާނަތްތެރިންނަށް ހައްގު އަދަބު ދޭނެކަމަށްވީ ވައުދަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް 2018 ވެރިކަމަށް އައުމަށާއި 2019 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށް ދިވެހި ރައްޔިތުންނަށް ވިއްކި އެންމެ އަގުބޮޑު ކާޑެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީގައި ފުރިހަމަ ބާރާއެކު ރައީސް ސާލިހް ވެރިކަން ނިންމާލީ ދިވެހި ރައްޔިތުން ބޭނުންވި މިންވަރުގައި އެމްއެމްޕީއާރުސީގެ ތަހްގީގު ނުހިންގައެވެ. ދިވެހި ރައްޔިތުން އުއްމީދު ކުރި އިންސާފު ދިވެހި ރައްޔިތުންނަށް ހޯދައި ނުދެވިއެވެ.
އެމްޑީޕީގެ އަމާޒަކީ ރައީސް ޑރ. މުއިއްޒު އަޒުލު ކުރުން!
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެން ފުރަތަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރިމަތިކުރި ގޮންޖެހުންތަކާއެވެ.
ދިވެހި ރައްޔިތުން އިންތިހާބު ކުރި ރައީސް، ރައީސް ޑރ. މުއިއްޒަށް ފުރަތަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެމަނިކުފާނު އަޒުލު ކުރަން މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީއިން ފެށި ތާހިރު ނޫން މަސައްކަތާއެވެ. މިވަގުތަށް ރައީސް މުއިއްޒުގެ އަޒުލުގެ ވާހަކަ ހިނދިފައި އޮތް ނަމަވެސް އެމްޑީޕީއަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެމަގަށް އެމްޑީޕީއިން މަސައްކަތް ފަށާނެކަން ޔަގީންނެވެ. އެމްޑީޕީގެ އާރުލާ ބެފުޅުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކުގެ މިސްރާބު މިހާރުވެސް ހުރީ އެމަގަށެވެ. ޤައުމެއްގެ ނިސްބަތުން ބަލާއިރު މިއީ ހިނގަން ހަމަމަގެއް ނޫނެވެ. އިންތިހާއަށް ބިރުވެރި މަގެކެވެ.
ރައީސް ޑރ.މުއިއްޒުގެ މުޅި ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން އަދިވެސް ރުހުމެއް ނުދެއެވެ. އަދި މިއަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރީ ކޮށާ މަށައި ރައީސް ޑރ.މުއިއްޒު ބޭނުންފުޅުވި މުހިއްމު އެތައް ކަމެއް އުނިކުރުމަށްފަހު ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ. މިއީ ސުޕަރ މެޖޯރިޓީގެ ބޭނުންކޮށްގެން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އިދިކޮޅު އެމްޑީޕީއިން ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް ކުރި ޖެއްސެމެކެވެ. އެމްޑީޕީގެ މަޤްސަދަކީ ރައީސް ޑރ.މުއިއްޒު ދިވެހި ރައްޔިތުންނަށް ވައުދު ވެފައިވާ މަޝްރޫޢުތައް ހިންގިޔައި ނުދިނުމެވެ. ސަރުކާރު އަތަކަށް ހިރިލިޔަނުދީ ތަޅުއަޅުވާފައި ބޭއްވުމެވެ. ކުރީގެ ރައީސް ސާލިހާއި އެމްޑީޕީގެ އެހެނިހެން މަސްއޫލުވެރިންގެ ބަސްމަގުވެސް ހުރީ މިމަގަށެވެ.
އެކަމަކު ޔަގީންވާ ކަމަކީ ދިވެހިންނަށް، ދިވެހިރާއްޖެއަށް، މިދުވެލީގައި ދުވެލަ ދުވެލައި ތިބެވެން ނެތް ކަމެވެ. ދުވެލި ބާރުކޮށް ދިވެހިންގެ އަމިއްލަވަންތަ ދިވެހީންގެ ރާއްޖެއެއް ހޯދުމަށް ދުވެލި ބާރުކޮށްލަން ޖެހޭ ކަމެވެ.
މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ދިނުން މުހިއްމުވާ ސަބަބުތައް:
ރައީސް ޑރ.މުއިއްޒު ހުއްޓުމެއް ނެތި ދައްކަވަމުން ގެންދަވަނީ ތަރައްޤީގެ ވާހަކައެކެވެ. ތަރައްޤީގެ މަގުގައި އެމަނިކުފާނުގެ ވެރިކަމުގެ ދައުރުން އެންމެ ދުވަހެއްވެސް ބޭކާރު ކޮށްލަން ބޭނުން ނުވާކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. ހއ.ތުކާރުނުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަަމައަށް ތަރައްޤީ ކުރައްވާނެ ގޮތުގެ ޕްލޭންތައް އެމަނިކުފާނު އެގެންދަވަނީ ދިވެހި ރައްޔިތުންނަށް ސާދާ އިބާރާތްތަކުން ތިލަ ކޮށްދެއްވަމުންނެވެ.
މީގެ ތެރެއިން ބޮޑުތިލަދުން މައްޗާއި ހައްދުންމަތި އަދި ހުވަދު އަތޮޅަށާއި އައްޑޫ ސިޓީގައި ހިންގެވުމަށް ހަމަޖެހިފައިވާ ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ އެގްރިމެންޓްތަކުގައި މިހާރު ރައީސް މުއިއްޒު ވަނީ ސޮއި ކުރައްވާ ކޮންޓްރެކްޓަރާ މަސައްކަތް ހަވާލު ކޮށްފައެވެ. މިމަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އިހަވަންދިއްޕޮޅުގައި ޤާއިމް ކުރަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތަކީ މުޅި ރާއްޖޭގެ އިޤްތިސާދު ބަދަލު ކޮށްލާނެ މަޝްރޫޢުއެކެވެ. މިހާރުވެސް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން މިމަޝްރޫޢުއަށް ވަނީ ހުއްޓިފައެވެ. މީގެ އިތުރުން ލ.ގާދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ބަންކަރިންގ މަޝްރޫއަކީވެސް ދިވެހި އިޤްތިސާދީ ދުވެލި ހަލުވި ކޮށްދޭނެ މަޝްރޫއުކެވެ. މުޅި ހައްދުން މަތީގެ މަލަމަތި ބަދަލު ކޮށްލާނެ މަޝްރޫއެކެވެ.
ހުވަދޫ އަތޮޅު އުތުރުބުރީ ވިލިގިނލީގައި ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެއަރޕޯޓާއި އެއާއި އެކުލުވައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޓުއަރިޒަމްގެ މަޝްރޫޢުތަކަކީ މުޅި ހުވަދު އަތޮޅަށް އޭގެ ދިރުން ގެނުވާނެ މަޝްރޫޢުއެކެވެ. މިމަޝްރޫޢުތައް ހުވަދު އަތޮޅަށް ގެނައުމަށް އިސްކޮށް ހުންނެވި މަޝްހޫރު ވިޔަފާރި ވެރިޔާ މުހައްމަދު އަލީ ޖަނާހް ވިދާޅުވެފައި ވަނީ ދުބާއީގެ މަޝްހޫރު ބްރިޖް ޚަލީފާ ޓަވަރު ބިނާ ކުރި ކުންފުނިން މިމަޝްރޫޢު ހިންގުމަށް ހަވާލު ވުމަކީ ލިބިގެންދިޔަ ކާމިޔާބެއް ކަމަށެވެ. ވިލިގިނލީގެ އިތުރުން ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައިވެސް ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީ ކުރައްވާނެކަން ސަރުކާރުން ވަނީ ޢިއުލާން ކުރައްވާފައެވެ. ހުވަދޫ އަތޮޅާއި ޖެހިގެން އޮތް ފުވަމުލައް ސިޓީ އާއި އައްޑޫ ސިޓީގައިވެސް ޓުއަރިޒަމްގެ ވަރުގަދަ މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން އޮތީ ތައްޔާރުވެފައެވެ.
މުޅި މަންޒަރަށް ބަލާއިރު ފާއިތުވެދިޔަ 5 އަހަރު އިޤްތިސާދީ ގޮތުން ޤައުމަށް ކުރިމަތިވީ ތަދުމަޑުކަމެވެ. ރައީސް ސާލިހުގެ 5 އަހަރު ތެރޭގައި 8 ބިލިޔަން ދިވެހި ރުފިޔާ ޗާޕްކުރިއިރު، ޑޮލަރުގެ އަގު ހުރީ ހަމައަގަށްވުރެ މާބޮޑަށް މަތީގައެވެ. ރައީސް ސާލިހުގެ 5 އަހަރުގެ ދައުރުގައި 250 ބިލިޔަނާ ގާތްކުރާ ވަރުގެ ބަޖެޓެއް އެމަނިކުފާނަށް ލިބުނެވެ. މިއީ ރާއްޖޭގެ ރެކޯޑެކެވެ. އެކަމަކު މިވަރުގެ ބޮޑު ބަޖެޓަކުން އެމަނިކުފާނާއި އެމަނިކުފާނުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލިސް މެދުވެރިކޮށް ނެރެވުނު ނަތީޖާއަކީ ކޮބައިތޯ ސުވާލު ކޮށްލަން ޖެހެއެވެ.
މާދަމާ، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެމްބަރުން އިންތިހާބު ކުރުމަށް ވޯޓް ލުމުގެ ކުރިން ގައުމުގެ ކުރިމަގާމެދު ރައްޔިތުން ވިސްނާލަން ޖެހެއެވެ. ޕާޓީ އާއި ސިޔާސީ ފިކުރުގެ މައްޗަށް ވަތަނީ ވިސްނުން އިސްކުރަން ޖެހެއެވެ. މިޖީލު މިދެކޭ ކުރިއެރުމާއި ތަރައްޤީ ސަރުކާރަށް ހޯދައިދެވޭނީ ގައުމުގައި ހަމަޖެހުން އޮވެގެންނެވެ. މިކަން ކުރެވޭނީ ރައީސުލް ޖުމްހުރިއްޔާއަށް އެއްބާރުލުންދޭނެ މަޖިލީހެއް އިންތިހާބު ކޮށްގެންނެވެ. މިވަގުތު އިދިކޮޅު އެމްޑީޕީގެ ވެރިންގެ ބަހާއި އަމަލަށް ބަލާއިރު މަޖިލީހުގެ މެޖީރިޓީ އެބޭފުޅުނަށް ލިބިއްޖެނަމަ މި ދިވެހި ގައުމު ވެއްޓޭނީ އަނދަވަޅަކަށެވެ.