ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ހއ.ދިއްދޫގައި އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ އިއްޔެ ހަވާލު ކޮށްފިއެވެ.

ދިއްދޫގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިޔާތު ޝަރަފްވެރި ކޮށްދެއްވީ އިޤްތިސާދާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.

މިނިސްޓަރ ސައީދު.

މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުﷲ ޒިޔާދުއެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ.

މިއެއްބަސްވުމުގެ ދަށުން ދިއްދޫ އެއަރޕޯޓް ތަރައްޤީކުރުމަށް 71.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ބިން ހިއްކާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުންވެސް މިއެއްބަސްވުމުގެ ދަށުން އެމްޓީސީސީއިން ކުރިއަށް ގެންދާނެއެވެ.

ސަރުކާރުން މި ފަސްއަހަރު ތެރޭގައި 15 އެއަރޕޯޓް ތަރައްޤީ ކުރައްވާނެކަން އިއުލާން ކޮށްފައިވާއިރު، މިހާތަނަށް 6 އެއަރޕޯޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ. އެއީ ދިއްދޫގެ އިތުރުން ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ.ބިލެތްފަހި، ތ.ގުރައިދޫ އަދި ތ.ވިލުފުށި އެއަރޕޯޓުގެ މަސައްކަތެވެ.