‏ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށާއި އެއާޕޯޓްގެ ހިދުމަތް ފުރިހަމަގޮތުގައި މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވަގުތުން އަޅަންޖެހޭ ބައެއް ކޭބަލް އެޅުމަށްޓަކައި ކޭބަލްއާއި ކޭބަލް އެޅުމަށް ބޭނުންވާ އާލާތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ފޯރުކޮށްދެމުން ދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ ‏އެ އެއާޕޯޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ތަޖުރިބާކާރު ޓެކްނިކަލް ޓީމުން އެމްއޭސީއެލްގެ ޓީމަށް އެހީތެރިވަމުންދާ ކަމަށެވެ.

އަދި މި މަސައްކަތުގައި ސްޓެލްކޯގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި ކަމާއި ގުޅޭ އެހެނިހެން މުވައްޒަފުންވެސް ދަނީ ބައިވެރިވަމުން ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

''ވަކި ދުވަހެއް، ވަކި ވަގުތެއް ނުބަލައި، ސްޓެލްކޯ ނޫން ފަރާތްތަކުން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށްވެސް މައްސަލައެއް ދިމާވާ މިފަދަ ކޮންމެ ފަހަރަކު ހިދުމަތް ހޯދާ ރައްޔިތުންގެ ޙައްޤުގައި ސްޓެލްކޯގެ ހީވާގި މުވައްޒަފުން ވަރުބަލިކަމެއް ފޫހިކަމެއް ނެތި، ދައްކައިދެނީ ގައުމީ ރޫޙާއި އިހުލާސްތެރި ހިދުމަތުގެ ދެވަނައެއް ނެތް މިސާލެއް.''
ފަހުމީ ވިދާޅުވިއެވެ.

އަދި މިކަމުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް އެމަނިކުފާނު ވަނީ ސާބަހާއި ޝުކުރުވެސް ދަންނަވާފައެވެ.