ލިޔުނީ: އަޒްހީން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ނިންމާލީ ވަޢުދުވި ކަންކަމާ ޚިލާފުވެގެންކަމަށާއި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރަޓްސްގެ ކެމްޕެއިން ރެލީގެ ޖަލްސާއެއްގައި ރޭ ރާޅުގަނޑު ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ޢިއުލާންކުރި މެނިފެސްޓޯ، ވެރިކަން ނިމިގެން ދިޔައިރުވެސް އޮތީ އޮތްތަނުގައި ކަމަށެވެ. އަދި އޭގެބަދަލުގައި ދައުލަތަށް އުފުލަން ޖެހުނީ އިތުރު ބުރަތަކެއްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުންފަދަ މުހިންމު ބަދަލުތަކެއް 2008 އަހަރުން ފެށިގެން ރާއްޖެއަށް ގެންނަންފެށިކަމަށެވެ. އެހެންނަމަވެސް ރައީސް ޞާލީހްގެ ސަރުކާރު ނިމިގެންދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބިކަމަށާއި، ސަރުކާރުން އެކުލަވާލި މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭ ކިޔާފައިގެން ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ސާލިހުގެ ސަރުކާރުން ރައްޔަތުންނަށް ދިން ގެދޮރުވެރިކަމެއް ނެއްކަން ރައީސް ނަޝީދު ވިދާޅުވިއެވެ.
"ގާދޫކޮލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. ނަރުދަމާ ވިއުގަ މަތިން ގޯތި ދޫކުރީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަހަކަދައްކަވަމުން ވިދާޅުވީ އީޤްތިޞާދު ކުރިއެރުވުމަށްބުނެ ކުރި މަސައްކަތްތައްވެސް ހުރީ ހުރިގޮތަށްކަމަށެވެ. އަދި އޭގެ ބަދަލުގައި ބޮޑުވީ ދަރަނި ކަމަށެވެ. ސާލިހުގެ ސަރުކާރުން ދަރަނި ދައްކަން ސުކޫކު ބޮންޑު ވިއްކުމުން އަނެއްކާވެސް ރާއްޖެ ޖެހުނީ ދަރަނީގެ ދަންތުރައެއްގައި ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 އިންސައްތައަކީ ދަރަނިކަމަށް ރައީސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަޢުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތައަކީ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަކަމަށެވެ. "ދިވެހިންގެ މާލީ ބުރަ ކުޑަކުރަން މެނިފެސްޓޯގައި އޮތީ. އެކަމަކު ކަން ކުރީ މެނިފެސްޓޯއާއި ދިމާ އިދިކޮޅަށް. ސުކޫކު ބޮންޑު ވިއްކީ ދަރަނި ދައްކަން. ދަރަނީގެ ދަންތުރައިން ސަލާމަތެއް ނުވި" ނިމިދިޔަ އެމްޑީޕީގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވިއެވެ.