އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް، މިއަދު ކ.މާފުށީގައި ރަސްމީކޮށް ފަށައިފިއެވެ.

އެ ރަށުގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފެށުމާ ގުޅިގެން، އެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމާ ބެހޭގޮތުން މާފުށި ކައުންސިލާއެކު މިއަދު ދިފާއީ ވަޒީރު، އޮނަރަބަލް މުހައްމަދު ގައްސާން މައުމޫންއާއި އެމްއެންޑީއެފްގެ ލީޑަރޝިޕުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީއާއި، ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކ.މާފުށްޓަކީ މާލެ ސިޓީ ފިޔަވައި ކ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށެއްގައި އަލިފާން ނިއްވުމުގެ ހިދުމަތް ދޭން ފެށި ފުރަތަމަ ރަށެވެ.

މިހިދުމަތް އަތޮޅުގެ އާބާދީ ބޮޑު އިތުރު ރަށްރަށަށް ކުރިމަގުގައި ދިނުމަށްވެސް ވަނީ ޕްލޭން ކުރެވިފައެވެ.