ސޯޝަލްމީޑިއާގެ ޕްލެޓްފޯމެއް ކަމުގައިވާ "އެކްސް" ޕާކިސްތާނުގައި ބްލޮކް ކޮއްފިއެވެ.

އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕާކިސްތާނުގައި އެކްސް ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވަމުން ދާކަމުގައެވެ. އެކަން ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީ އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މީސްމީޑިއާ ގައި ޓުވިޓާގެ ނަމުން މަޝްހޫރެފައިވާ މި ޕްލެޓް ފޯމު ބްލޮކް ކުރި ސަބަބެއް ކަމުގައި އެ މިނިސްޓްރީ އިން ހާމަކޮށްފައި ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމުގައެވެ.

މި ފިޔަވަޅު އެޅުމުގެ ސަބަބެއްކަމުގައި ރިޕޯޓުކޮށްފައި ވަނީ ޤައުމުގައި އިޙްތިޖާޖަކަށް ހިތްވަރު ލިބޭފަދަ މެސެޖްތައް ދައުރުކުރަމުން ދާތީ ކަމުގައެވެ. މިއީ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ޢިމްރާން ޚާން ޖަލަށް ލާފައި ވާ ދުވަސްވަރެކެވެ. އެއީ އޭނާގެ މައްޗަށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކެއްގައެވެ. ޢިމްރާން ޚާން ޖަލުގައި ބާއްވައިގެން ޕާކިސްތާނުގައި ވަނީ މި ދިޔަ މަހު ޢާއްމު އިންތިޚާބު ބާއްވާފައެވެ. އެ އިންތިޚާބުގައި ކުރި ހޯދީ ނަވާޒް ޝަރީފުގެ މުސްލީމް ލީގު (ނ) އެވެ. އެހެން ނަމަވެސް އެ ޕާޓީގެ އައިމްލަ ވެރިކަމެއް ޤާއިމުކުރާ މިންވަރަށް ޕާލަމެންޓުގައި ގޮނޑި ލިބި ނުވެއެވެ. އެ ޕާޓީ، އިސްވެ އޮވެ ސަރުކާރު އުފައްދާފައި ވަނީ ޕީޕަލްސް ޕާޓީއާ ގުޅިގެންނެވެ.

ޢިމްރާން ޚާންގެ ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީކޭއައި) ޕާޓީ އިން އިންތިޚާބުގައި ރަސްމީކޮށް ވާދަކޮށްފައި ނުވެއެވެ. ނަމަވެސް އެޕާޓީގެ މެމްބަރު އަމިއްލަގޮތުން ވާދަކޮށް 100 އަށްވުރެ ގިނަ ގޮނޑި އިންތިޚާބުގައި ކާމިޔާބު ކޮށްފައިވެއެވެ.