ދިވެހިރާއްޖޭގެ ގާއުމީ ދިފާއީ ބާރުގެ ފަހުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހުތިރާމު ކުރުމުގެ ގޮތުން ބާއްވާ ހައްސަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު 6:00ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިއްޒަތްތެރި ދިފާއީ ވަޒީރު، އޮނަރަބަލް ގައްސާން މައުމޫންއެވެ. މި ރަސްމިއްޔާތުގައި އިއްޒަތްތެރި ދިފާއީ ވަޒީރު ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިޢާރުކަމުގައިވާ، "ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިއާރު ހާމަ ކޮށްދެއްވާފައެވެ.

މީގެއިތުރުން، ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 34 ވަނަ އަދަދު ވެސް މި ރަސްމިއްޔާތުގައި އިއްޒަތްތެރި ދިފާޢީ ވަޒީރު ވަނީ ނެރެއްދެއްވާފައެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ. ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ މިއަދު ހެނދުނު މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ހިދުމަތް ފެށިފައިވަނީ 1892 އެޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ.