މަޖިލިސް މެޖޯރިޓީ ސަރުކާރަށް ދިނުމުން ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި ތަރައްޤީ އަދި ހަމަޖެހުންކަން ސާފުވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ ނުބައި މިސްރާބަކަށް ގައުމު ދަނިކޮށް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަސައްކަތުން ރަނގަޅު މިސްރާބަކަށް އަނެއްކާވެސް ގައުމު ގެނެސްދީފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ދެން ފެނިގެންދާނީ ދުވެލި އަވަސްކޮށް، އަމަލުން ކަން ކުރާ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައިވެސް ދަތި އުނދަގުލުގެ ތެރެއިން ގިނަ މަސައްކަތެއް ކުރެވިފައިވާ ކަމަށާއި މަޖިލިސް މެޖޯރިޓީ އާއެކު ދެން ފެށިގެންދާނީ ރާއްޖެ ތަރައްގީވުމުގެ މަސައްކަތް ކަމަށްވެސް އެމނިކުފާނު ވިދާޅުވިއެވެ.

'' އަޅުގަނޑު، އަޅުގަނޑުގެ ކެބިނެޓް މެމްބަރުންނަށާއި ކުންފުނިތަކުގެ ވެރިންނަށް އަދި އަޅުގަނޑުމެންގެ އިއްޒަތެރި މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސް މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ތި ބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލައޭ. ހަމަ ސީރިއަސްކޮށް މި ދަންނަވަނީ އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީ އަޅުގަނޑު ވައުދުވީ ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރު ދަންނަވަން،''
ރައީސް ވިދާޅުވި އެވެ.

އިއްޔެ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި މިހާތަނަށް ސަރުކާރަށް 71 ގޮނޑި ވަނީ ކަށަވަރުވެފައެވެ.