ލިޔުނީ: އަޒްހީން

ހުޅުމާލެ ހިޔާ ޓަވަރެއްގެ އެޕާޓުމެންޓެއްގައި އަލިފާން ރޯވުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އިއްޔެ ހަވީރު ހިނގި އަލިފާނުގެ އެ ހާދިސާގައި ހިޔާގެ 11 ވަނަ ޓަވަރުގެ 11 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައިވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

މިގެ އިތުރުން އެތަނުގައި ދިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އަދި އެ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައި ވަނީ އެ އެޕާޓުމެންޓުގައި ކަރަންޑުގެ މައްސަލައެއް އެުޅޭތީކަމަށާ މިއަދު އެތަނުގެ އެސެސްމަންޓެއް ހަދާނެކަމަށް މައުލުމާތު ވަނީ ލިބިފައިއެވެ.

އެންޑީއެމްއޭ އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ގޮދަނޑިއެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ، ފަންކައާ ބޮކިތަށް ވަނީ ގެއްލުންލިބިފައެވެ. މިގެ އިތުރުން ސީލިންގު އަދި އަލަމާރިއާއި ފާރުތަކަަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.