މިމަހު 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް އަލަށް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރުމުގެ ޖަލްސާ އަންނަ މޭ މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.

އެކަން އިއުލާންކޮށްފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއެވެ.

އަސްލަމް ވިދާޅުވީ މެންބަރުން ހުވާކުރުމާއި ގުޅޭ ގޮތުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މަޖިލީހުގެ އިދާރާއިން ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެކަމަށާއި އެހެންކަމުން މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަދި މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާ ތާރީހާ ހަމައަށް މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ކުރިއަށްދަވާނެކަމަށް ވެސް އަސްލަމް ވިދާޅުވެފައިވެއެވެ.

މިފަހަރުގެ މަޖްލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމުން ކާމިޔާބުކޮށް މަޖިލީހުގެ ސުޕަމެޖޯރިޓީ ވަނީ ހޯދާފައެވެ. އެއީ 93 ދާއިރާގެ ތެރެއިން 67 ދާއިރާއެއްގެ ގޮނޑިއެވެ.