މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވިހިވަނަ އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ ނަސީމަށް ގޮނޑި ކާމިޔާބުނުކުރެވުނީ، ނަޒްރާގެ ބޭބެ އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ސަބަބުން ކަމަށް ނަޒްރާގެ ފިރިކަލުން، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެއީ ނަޒޫގެ އިތުުރުން ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ހުސެއިން އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު އަބްދުﷲ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 1،142 ވޯޓާއެކު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ހުސެއިން އެވެ. ނަޒޫއަށް ލިބިވަޑައިގަތީ 1،094 ވޯޓެވެ. އެއީ އިބްރާހިމް ހުސެއިން އަށްވުރެ 48 ވޯޓު މަދު އަދަދެކެވެ. އުމަރަށް ލިބިވަޑައިގަތީ 34 ވޯޓެވެ.

އެ ޕޯސްޓްގައި މަހުލޫފު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ގޮނޑި ގެއްލުވާލީ ސީދާ ފައިސަލް ކަމަށާއި އަދި އެންޓި-ކެމްޕެއިން ކުރުމަށް އާއިލާއާއި ދަންނަ އެތައް ބަޔަކަށް ފައިސަލް ގުޅާފައިވާ ކަމަށެވެ. އަދި ބަލި ގަބޫލުކުރާ ކަމަށާ ނަމަވެސް މިއީ މިކަން ހިނގާދިޔަ ގޮތް ކަމަށް އަދި ނަޒޫގެ ޓީމުން ދޫނުދޭނެ ކަމަށް މަހުލޫފް ވިދާޅުވެފައެވެ.

'' އާއިލާގެ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒޫ އާ ދެކޮޅަށް މަސައްކަތް ކުރަމުން. މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަށް އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭ. މިކަމުގަ އަޅުގަނޑުމެން މިތިބީ ދޫދޭ ގޮތަކަށް ނޫން''
މަހުލޫފު ވިދާޅުވިއެވެ.

މީގެއިތުރުން މަހުލޫފްވަނީ އެ މައްސަލަ ފެށުނީ އާއިލީ މައްސަލައެއްގެ އިތުރުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފައިސަލްގެ ބަދަލުގައި ރަނިންމޭޓަކަށް އަސްލަމް ހިޔާރުކުރި ހިސާބުން ކަމަށް ތުހުމަތުކުރައްވާފައެވެ.

އެކަމާގުޅިގެން ފައިސަލް ވަނީ އެ ދުވަސްވަރު ކުރީގެ ރައީސް ސާލިހްގެ ކެމްޕެއިނުންވެސް ދުރަށް ވަޑައިގެންފައި ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.