އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެމްބަރަކު ކޮވިޑް-19 ބަލީގައި އަވަހާރަވެއްޖެއެވެ.

މިއީ، ކޮވިޑް ބަލީގައި އަވަހާރަވި ކޮންގްރެސްގެ ފުރަތަމަ މެމްބަރެވެ.

ރޮން ރައިޓް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަމަހު ކަމަށް އޭނާގެ އޮފީހުން ބުނެފައި ވެއެވެ.

ކޮވިޑް-19 ބަލީގައި އެމެރިކާގެ ކޮންގްރެސްގެ ފުރަތަމަ މެމްބަރު އަވަހާރަވިއިރު، މިބަލީގައި އެމެރިކާއިން އެކަނިވެސް މިހާތަނަށް ގާތްގަނޑަކަށް 464،000 މީހުން މަރުވެގޮސްފައި ވެއެވެ.

ހޯމަދުވަހު އަވަހާރަވި، އުމުރުފުޅުން 67 އަހަރުގެ ރޮން ރައިޓްއަކީ އެމެރިކާގެ ކޮންގްރެސްގައި އޯލްޑް ޓެކްސަސް ތަމްސީލުކުރައްވާ މެމްބަރެވެ.

އޭނާ އެ ގޮނޑިއަށް އިންތިޚާބު ކުރެވުނީ 2018 ވަނަ އަހަރުއެވެ. އޭގެ އިތުރުން، ހައުސްގެ ފޮރިން އެފެއަރޒް، އެޑިއުކޭޝަން އަދި ލޭބަރ ކޮމިޓީގައިވެސް އޭނާ އިންނަވައެވެ.

ކޮވިޑް ބަލީގައި ރޮން ރައިޓް އަވަހާރަ ވިއިރު، އޭނާ ގެންދެވީ ކެންސަރު ބައްޔަށްވެސް ފަރުވާ ހޯއްދަވަމުންނެވެ.

ނިމިގެންދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ކޮންގްރެސްގެ މަތިގެ، ސެނެޓާއި، ތިރިގެ، ހައުސްގެ އެތައް މެމްބަރުން ނުރައްކާތެރި ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި އިތުރު އެތައް ބޭފުޅުން ކޮންޓެކްޓް ވެފައި ވެއެވެ.

ރޮން ރައިޓްއަކީ ގޮނޑި ފުރުއްވަމުން ގެންދަވަނިކޮށް ކޮވިޑް ބަލީގައި އަވަހާރަވި ކޮންގްރެސްގެ ފުރަތަމަ މެމްބަރެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބޭއްވި އިންތިޚާބުގައި ލޫޒިއާނާގެ ގޮނޑި ކާމިޔާބު ކުރެއްވި ރިޕަބްލިކަން މެމްބަރު، އުމުރުފުޅުން 41 އަހަރުގެ ލޫކް ލެޓްލޯވެސްވަނީ ކޮވިޑްބަލީގައި އަވަހާރަ ވެފައެވެ. އޭނާ އަވަހާރަވީ މަގާމުގެ ހުވާވެސް ނުކުރައްވަނީހެވެ.