(ހަތަރުވަނަ ބައި )
(18 އޭޕްރީލް ދުވަހުގެ އަދަދާއި ގުޅޭ)
ކުރީ ދެ ރެއެކޭ އެއްގޮތަށް ޖެހިލި ވައިރޯޅީގައި ހުވަނދުމަލުގެ ހިތްގައިމު މީރުވަސް އެކުލެވިފައި ވެއެވެ. ޒާއިރާއަށް އެތެރެއަށް ދެ ފަހަރަކު ނޯށް ދަމައިލެވުނެވެ. އަދި ބޭއިޚުތިޔާރުގައި ތެދުވެގެން ގޮސް އާދައިގެ މަތިން ހުވަނދުމާގަހުގައި މަޑުމަޑުން އަތް ހިންގައިލިއެވެ.
އެވަގުތު ބޭރުން މީހެއްގެ ހިލަން ވެގެން ޒާއިރާ ފުޅަލީގެ ކުރިމައްޗަށް ނިކުމެ ބޭރު ބަލައިލިއެވެ. ޒާއިރާއަށް ފެނުނީ މިކްޔާއީލް ފުޅަލީގެ އެއްފަރާތުގައި މަޑުކޮށްގެން ހުއްޓައެވެ. އާދައިގެ މަތިން އައިސްބުލޫ ޖިންސްގެ ދެޖީބަށް އަތްޖަހާލައިގެން ކަނާތުފައި ފާރުގައި ވިއްދާލާއިގެން ހުރިއިރު ޒާއިރާއަށް ކަޅި ޖަހާނުލާ މިކްޔާއީލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒާއިރާ އެހެން ހުއްޓަސް ކުރިމައްޗަށް ނަޒަރުހުއްޓާލައިގެން ހުރި މިކުޔާއީލް ޒާއިރާއަކަށް ބަލައެއް ނުލައެވެ.
"މިކް!" ޒާއިރާއަށް ގޮވައިލެވުނީ މަސްތީ އަޑަކުންނެވެ. މިކްޔާއީލް މޫނު އަނބުރާ ބަލައިލުމުން ޒާއިރާ ހިނިތުންވެލިއެވެ.
"ސޮރީ!" ޒާއިރާއަށް މި ފަހަރުވެސް ޖެހިލެވުނީ މިކްޔާއީލްއާ ގާތަށެވެ. އެކަމަކު ދެވަނަ ސިކުންތުގައި ޒާއިރާ ފިޔަވަޅެއް ފަހަތަށް އަޅައިލިއެވެ. އެވަގުތު މިކްޔާއީލްގެ މޫނުން ވިދުން ގަދަވެގެން ދިޔަތަން ހަނދުވަރުގެ އަލީގައި ވެސް ޒާއިރާއަށް ފާހަގަ ކުރެވުނެވެ.
"ކޮފީ ބޯނަން!" މިކްޔާއިލް ބަލައިލުމުން ރަކިވި ވަގުތު ކޮފީތަށި ދިއްކޮށްލަމުން ޒާއިރާއަށް ބުނެވުނެވެ. އެހެން ބުނީ ކޮންމެހެން ކޮފީތަށި ދިނުމުގެ ވިސްނުމަކުވެސް ނޫނެވެ. އެހެންނަމަވެސް މިކްޔާއީލް އެ ކޮފީތަށި އަތުލިއެވެ.
"ބޯލަންވީ!" ޒާއިރާ ހުރީ ބަލަހައްޓައިގެންނެވެ. ކޮންފަދަ ތަފާތު އަޑެއްހެއްޔެވެ! މިޔުޒިކެއް ފަދައެވެ. އެއަޑުގައިވަނީ ޖާދޫއެކެވެ. އެއީ މިހާތަނަށް ޒާއިރާ އެހި އެންމެ ބާރުގަދަ، އަސަރުގަދަ އަޑެވެ. ޒާއިރާ މަޑުމަޑުން ބޯޖައިލިއެވެ. ހިނިތުންވެލަމުންނެވެ.
"ޝަރުތެއްގެ މަތިން!" ޒާއިރާގެ ދެލޯ ބޮޑުވެގެން އައެވެ. އަދި ލޮލުގެ އިޝާރާތުން ޝަރުތަކީ ކޮބައިތޯ އަހައިލިއެވެ.
"ހިނގަ، ހިނގާލަން ދާން! .. ކެރޭނެ!" ޒާއިރާގެ އަނގަ ތަންމިނަށް ހުޅުވި ލައްޕަން ނޭނގި ހުއްޓެވެ. އެ ދައުވަތު އެއީ ހީނުކޮށްހުއްޓާ ލިބުނު ޒާއިރާ އެންމެ އެދޭ ދައުވަތެވެ.
"ހަމްމް ، ހިނގަ!" ހީނލަމުން ޒާއިރާ ހިނގައިގަތެވެ. މަޑުމަޑު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިކްޔާއީލް ހުރީ ޒާއިރާއަށްވުރެ ފިޔަވަޅެއް ފަހަތުގައެވެ. އެކަމަކު ޒާއިރާ ދައްކާ ވާހަކަ މިކްޔާއީލްއަށް އިވެއެވެ. އެއަށް ޖަވާބު ވެސް ދެއެވެ.
ދެމީހުންގެ ހިނގުން ހުއްޓައިލީ ޒާއިރާމެން ތިބޭ ގެއާ ވީފަރާތު އަތިރިމައްޗަށް ފޭބުނީމައެވެ. އެހިސާބަށް ދެވުނުކަމުގެ އިހުސާސް ޒާއިރާއަށް ކުރެވުނީވެސް މިކްޔާއީލް އައިސް ޒާއިރާ ކައިރީ އިށީންނަން ބުނުމުންނެވެ. އެތާ އޮތީ ރީތި ހުދު ދޮންވެލިގަނޑެކެވެ. އެތައް ހިސާބަކަށް އެ ދޮންވެލިގަނޑު ދެމިގެންގޮސްފައިވެއެވެ.
"ވަރަށް ހަނދުވަރު ރީތި ރެއެއް ދޯ!" އުޑުމައްޗަށް ބަލައިލަމުން އިރުކޮޅަކުން ޒާއިރާ ބުންޏެވެ. އޭނާގެ ނަޒަރު އުދަރެސްމައްޗާހަމައަށް ދަތުރުކުރި ވަގުތު އެތައް ގިނިހިލައެއް ކަނޑާދިމާއަށް މިސްރާބުޖަހާފައިވާ ތަން ޒާއިރާއަށް ފެނުނެވެ. ތެޅިގެންފައި ޒާއިރާއަށް ހިފުނީ މިކްޔާއީލްގެ އަތުގައެވެ.
މިކްޔާއީލް ބަލައިލިއެވެ. ޒާއިރާ ބަލަހައްޓައިގެން ހުރި ދިމާއަށެވެ.
"ކީއްވީ!" ޒާއިރާ ވަކި ޖަވާބެއް ނުދެއެވެ.
"ބިރު ނުގަނޭ! އަހަރެން މިހިރީނު!" އޯގާތެރިކަމާއެކު މިކްޔާއިލް ބުނެލިއެވެ. އަދިވެސް ޒާއިރާ އިނީ ކުރިން ވެސް ބަލަހައްޓައިގެން އިންދިމާއަށް ބަލަހައްޓައިގެންނެވެ. ފަހަރެއްގައި ޒާއިރާއަށް ފެންނަ މަންޒަރު މިކްޔާއީލް އަށް ނުފެންނަނީއެވެ. އެހެންވެ އެވާހަކަ އިތުރަށް ނުބުނެ ޒާއިރާ ބުނީ އެހެން ވާހަކައެކެވެ.
"މިކް! އަހަރެންގެ މޭ އެބަތެޅޭ! ވަރަށް ބިރު ވެސް އެބަ ގަނޭ! ހިނގަ ދާން!" ޒާއިރާ ހިފީ މިކްޔާއިލްގެ އަތުގައެވެ. މިކްޔާއީލް ދެކޮޅެއް ނަހަދައެވެ. ޒާއިރާ ތެދުވުމުން ކުރިންވެސް ހެދި ގޮތަށް ޒާއިރާގެ ފަހަތުގައި ހުރެގެން ކުރިޔަށް ދިޔައެވެ. ޒާއިރާ އިރުއިރުކޮޅާ ފަހަތަށް އެނބުރި ބަލައިވެސް ލައެވެ.
ގެއާ ހަމައަށް އާދެވުނުއިރު ޒާއިރާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.
"މިކް! ކޮބާތަ ... ކޮބާތަ މިކްގެ ފޯން! އަހަރެންގެ ފޯނުނަމްބަރ ނާތުލަނީ ކީއްވެ!" ޒާއިރާގެ ވާހަކައިގެ ފަހަތުބައިގާ ވަނީ ޝަކުވާއެވެ. ގެއަށް ވަނުމުގެ ކުރިން ޒާއިރާ ބޭނުންވީ ހިތުގައި އުފެދުނު އެ ސުވާލުކުރުމެވެ.
"ދޭ އެތެރެއަށް ގޭ މީހުންމިހާރު ހޯދާނެ!" ދެމީހުން އެއްކޮށް ހިނގައިގަންނަމުން ފާރުމަތީ ބެހެއްޓި ކޮފީ ޖޯޑް ނަގާ ޒާއިރާ އަތަށް ލައިދެމުން މިކްޔާއީލް ވާހަކަދެއްކިއެވެ. މިކްޔާއީލްގެ މި ހަރަކާތުގެ ސަބަބުން ކުރިން ކުރި ސުވާލުގެ މަތިން ޒާއިރާ މިހާރު ހަނދާން ނެތިއްޖެއެވެ. ލޯބިން މިކްޔާއީލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި ގޭތެރެއަށް ވަދެގެން ދިޔައީއެވެ.
"އަހަނ! މި އައީނު! ކޮންތާކު ފިލާހުރެފަ ތިއައީ! ހާދަ ވަރަކަށް ހޯދިއްޖެއޭ!" ކަންބޮޑުވެފައިވާ އަޑަކުން މަލާކު ބުންޏެވެ. އަދި ޒުހުރާއަށް ގޮވާލާފައި ޒާއިރާ އަތުވެއްޖެ ކަމަށް ބުނެލީ އެކަން އަންގަން ވެގެންނެވެ.
"މިއައީ ބުރެއް ޖަހާލާފަ...ކުޑަކޮށް ހިނގާލަން ނިކުމެލީ!" ޒާއިރާ ހުރީ ވަރަށް އުފަލުންނެވެ. އެކަން މީހަކު ނުބުންޏަސް ޒުހުރާއަށް ނަގައިގަނެވުނެވެ.
'އެކަނިތަ! ... ކީއްވެ މަލާކު ގޮވައިގެން ނުދިޔައީ!" ޒުހުރާ ކަންބޮޑުވީ ދެނަމާދު ދޭތެރޭ އެކަނި ހިނގާލަން ދިޔަވާހަކަ ޒާއިރާ ބުނުމުންނެވެ.
"ނޫން! ރަ....." ޒާއިރާއަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. އެތެރެއިން، މަލާކު ވަރަށް ބާރަށް ގޮވައިލި އަޑު އިވުމުން ކަމެއް ގޯސްވެއްޖެކަން ދެމީހުންނަށް ވެސް އެނގިއްޖެއެވެ. އެހެންކަމުން ދެމީހުންނަށް ވެސް އެކޮޓަރިއަށް ވަދެވުނީ ދުވެގޮހެވެ.
"ކީއްވީ! ހާދަ ބިރުގެންފަ!" ޒާއިރާއަށް ދުވެ ގޮސް ހިފުނީ މަލާކުގެ އަތުގައެވެ. އަދި ވަށައިގެން ކޮޓަރިތެރެ ހޯދަން ފެށުނެވެ.
"ކުރައްޕެއް!" އެނދު ތަންދޮށަށް އިނގިލިން އިޝާރާތް ކުރަމުން މަލާކު ބުންޏެވެ. އެ އަޑު އިވުމުން ހެމުން ހެމުން ޒުހުރާ ނިކުމެގެން ދިޔައީއެވެ.
"މިހާރުކޮބާ!" ޗޮކެއްކަނޑާލަމުން ޒާއިރާ އެހިއެވެ. އަދި ގުދުވެ އެނދުގެ ތަންދޮށް ބަލައިލިއެވެ. އެއްވެސް އެއްޗެއް އެތާކު ނެތެވެ. ޒާއިރާ ގޮސްވަނީ ފާޚާނާއަށެވެ. މަލާކު ޒާއިރާ ގާތުން ކުރަންބޭނުންވި ސުވާލު ވެސް ނުކޮށް ދޫކޮށްލީ ގަތް ބިރަކުން އެ ވަގުތު މޫޑު ނެތީމައެވެ.
އާދައިގެ މަތިން ފަތިސްނަމާދު ޖެހުމުގެ ކުރިން ޒާއިރާއަށް ހޭލެވިއްޖެއެވެ. ހޭލެވުމާއެކު ފުންމައިގެން ތެދުވެވުނީ މިކްޔާއީލްގެ ހަނދާން ސިކުނޑީގައި ހިނގައިގަތްލެއް ބާރުކަމުންނެވެ. އެ ރީތި ސިފަ ހިތުގައި ވަކި ހިއްޕައިލީ އިންތިހާއަށެވެ. ވަގުބުޅަލެއްހެން ދެފައިގެ އިނގިލިތައް ޖައްސަމުން ދުވެގޮސް ފާޚާނާއަށްވަނީ ގަޑިން ވީއިރެއް ބަލާލަން ވެސް ހަނދާންނެތި ހުރެއެވެ. އަވަސް އަވަސް ކޮށްލައިގެން މޫނު ދޮވެލައިގެން ނިކުމެ ހެނދުން ބަދަލުކޮށްލިއެވެ. މޫނުގައި ކުޑަ ކްރީމްކޮޅެއް އުނގުޅައިލެވުނީ މިކްޔާއީލްއާ ގާތްވާއިރު އެ ވަސް މިކްޔާއީލްއަށް ދުވާނެކަން އެނގޭތީއެވެ. ދެން މަޑުމަޑުން ހިނގާލާފަ ބޭރަށް ނިކުމެއްޖެއެވެ.
ރޭގަނޑު އުޑުމަތީ ރަސްކަންކުރަމުން ދިޔަ ހަނދުގެ ހަނދުވަރުން ދުނިޔެ ފެންވަރުވަމުން ދިޔައީ އެގަޑީގައި ހިތް އުފާކޮށްލަން ބޭނުން ކޮންމެ ލޯބިވެރިއަކަށް އޭގެ ފޮނިމީރުކަން އެންމެ ރަނގަޅަށް އިޙުސާސްކޮށްދިނުމުގެ ބޭނުމުގައި ކަހަލައެވެ. މިލިޔަނުން ވެސް ގުނާ ނުލެވޭ ވަރަށް އުޑުމަތީ އެތުރިފައި ހުރި ތަރިތަކުން ރޭގެ ހިތްގައިމުކަން އެތައް ގުނައަކަށް އިތުރުކޮށްދެއެވެ.
ސިޓިންގރޫމުގެ ދޮރު ހުޅުވައިލުމަށްފަހު ޒާއިރާއަށް ކިރިޔާ ދޮރުން ބޭރަށް ނިކުމެވުނީއެވެ. ކޮންމެވެސް މީހާކު ޒާއިރާގެ އަތުގައި ހިފާ ދަމައިގަތެވެ. އަނގައިން ނިކުތް ތޫލި ހަޅޭކުގެ އަޑު ހިނދިގެން ދިޔައީ ޒާއިރާގެ ނަމުން މިކްޔާއީލް ގޮވައިލިއަޑަށެވެ.
"ޒާއި!" އެއީ މަސްތުން ފުރިފައިވާ އަޑެކެވެ. ޒާއިރާއަކަށް ހިމޭނަކުން ނުހުރެވުނެވެ. ލައްގަނެވުނީ މިކްޔާއިލްގެ މޭމަތީގައެވެ.
"މިކް!" އެހެންނަމަވެސް ޒާއިރާގެ ހިތުގައި ގޭގެ މީހުން ހޭލަފާނެކަމުގެ ބިރު އޮތުމުން ދެވަނަ ސިކުންތުގައި އެކަން ފާޅުކުރިއެވެ.
"އެކަކުވެސް ނުހޭލާނެ! ޒައި ކަންބޮޑުނުވޭ!" މިކްޔާއީލް ބުނިގޮތުން ޒާއިރާއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެ އަޑުގައި ހުރި ޔަގީން ކަމަކުންނެވެ.
"އެހެން ކިހިނެއް އެނގޭނީ! މަލާކު ވެސް ޒުހުރާއްތަ ވެސް ބަންގި ގޮވާގަޑިއަށް ހޭލާނެ!" ޒާއިރާ އެމީހުން ނަމާދަށް ހޭލާނެކަމަށް ބުނިއިރު އަޑުގައިވަނީ ކަންބޮޑުވުމެވެ.
"އަހަންނަކަށް އިތުބާރެއް ނުކުރަންތަ!" ޒާއިރާގެ ދަތްދޮޅީގައި ހިފާ ހިއްލާލަމުން މިކްޔާއީލް ވާހަކަ ދެއްކިއެވެ.
"އެހެންވިއްޔާ ހިނގާ ބޭރަށް ދަމާ!" އޭރު މިކްޔާއީލް ހުރީ ޒާއިރާ އަތުގައި ހިފައިގެން ހިނގައިގެންފައެވެ.
"މިކް! ކޮބާތަ ފޯނު! ކީއްވެތަ އަހަރެންގެ ނަމްބަރ ނާތުލައިގެން ތިއުޅެނީ! އަހަރެން މިކްއަށް ގުޅަފާނަމޭ!..... ގެނޭ މިކްގެ ނަމްބަރ!" ޒާއިރާ ލޯބިން ޝަކުވާކުރީ އައި ކުއްލި ޚިޔާލަކުންނެވެ. މީގެ ކުރިން އެއްވެސް ފަހަރަކު ފޯނުން މުއާމަލާތުކުރުމުގެ ވިސްނުމެއް ޒާއިރާއަކަށް ނާދެއެވެ.
"ކީއްކުރާ ފޯނެއް!" އެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ. އެކަމަކު އެކަން އެނގޭކަމަށް ނަހަދާ ޒާއިރާ އިރުކޮޅަކަށް މަޑުކޮށްލިއެވެ. ބުނެވޭ އެއްޗަކުން މިކް އޭނާ ދެކެ ހިތްހަމަ ނުޖެހޭކަށް އޭނާ ދުވަހަކުވެސް ނޭދޭނެއެވެ.
"އަހަރެން އަތަކު ފޯނެއް ނެތް! މިހިރީނު!" ދެޖީބަށް އަތް ކޮށްޕާލުމަށްފަހު އަތްތިލަ ހުޅުވާލާ ދައްކާލަމުން މިކްޔާއީލް ބުންޏެވެ.
"އެހެންނޫނަސް އަހަރެމެންނަކަށް ފޯނެއް ބޭނުމެއް ނުވާނެ!... ޒައި އަހަންނަށް ބޭނުންވާ ކޮންމެ ވަގުތަކު ޒައި ގާތު އަހަރެން ހުންނާނަން!" ޔަގީންކަމާއެކު މިކްޔާއީލް ބުންޏެވެ.
"ތި ދެން ކިހިނެއްވާނެ ކަމެއް!" ޒާއިރާ ބޭނުންވީ އެހެން ބުނެލާށެވެ! އެއީ އެކަން ގަބޫލު ނުކުރާކަން ހާމަކުރުމަށެވެ. އެކަމަކު ޒާއިރާ އެހެނެއް ނުބުންޏެވެ.
"އަޅެ! މިހާރުވެސް ޒާއި އަހަރެންގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަންނެއް ނުހުންނަންތަ ޒައި ގާތުގަ!" ހީވީ ޒާއިރާގެ ހިތުގައި އުފެދުނު ޝުއޫރު އަކުރުން އަކުރަށް މިކްޔާއީލްއަށް ފަހުމުވީހެންނެވެ. ޒާއިރާ ހީނލިއެވެ. އިތުރު އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. މިކްގެ ޖަވާބު ހުސްނުވާނެތީއެވެ.
ޒާއިރާ އާއި މިކްޔާއީލް ހިނގަމުން ދިޔައީ ރަށުގެ ހުޅަނގުކޮޅާ ދިމާއަށެވެ. އެއީ ރަށުގެ ހުދުކުލައިގެ ދޮންވެލި ތުނޑި އޮންނަ ސަރަހައްދެވެ. ޒާއިރާއަށް ވެސް އެ ގޮތް ކަމުދިޔައެވެ. އެއްވެސް މީހެއްގެ އުދަނގުލެއް އަދި މީހެއްގެ ހިލަން ވުން ވެސް ދުރު މާހައުލަކަށް އެތަން ވާނެތީއެވެ.
މިކްޔާއީލް ޒާއިރާގެ އަތުގެ އިނގިލތަކަށް އޭނަގެ އިނގިލިތައް މަހާލުމުން ޒާއިރާއަށް މިކްޔާއީލްގެ އަތުގައި އެލި ގަނެވުނެވެ. އަދި ވީހާވެސް ބޮޑަކަށް މިކްގެ ހަށިގަނޑާ ގާތްވެލިއެވެ. އެއީ މާހައުލުގެ ފިނިކަމުން ހަށިގަނޑަށް ފިނީގެ އަސަރުކޮށްފައިވާތީ ހޫނުކަން ލިބިގަތުމަށެވެ. އެކަމާ މިކްޔާއީލްގެ ދެކޮޅު ހެދުމެއް ނެތެވެ. އަދި އެއްބާރުލުމެއް ވެސް ނެތެވެ.
ޖެހެމުން ދިޔަ ތެތްފިނި ވައިން އަރާމު ހޯދަމުން ޒާއިރާމެން ގޮސް އިށީނީ މެދު ދޮންވެލިގަނޑަށްވުރެ ހޭޅީފަށާ ކައިރީގައި ތުނޑީގެ މެދެއްހާ ހިސާބުގައެވެ. ޒާއިރާ ފުރަތަމަ އިށީނީ ކަނޑަށް ކުރިމަތި ލައިގެންނެވެ. އިރުކޮޅަކު އެހެން އިނދެފައި އެއްފަރާތަކަށް ޖެހިލަމުން މިކްޔާއީލްއާ ކުރިމަތިވާގޮތަށް އިށީނެވެ. އެހެން އިންނައިރު މިކްޔާއީލްގެ ގައިގާ ޒާއިރާގެ އަތް ޖެހޭހާ ކައިރިއެވެ. އެހާ ކައިރީގައި ޒާއިރާ އިށީނުމުގެ ބޭނުމަކީ ހިތް ފުރޭވަރަށް މިކްޔައީލްގެ މޫނަށް ބަލާލުމެވެ. މިކްޔާއީލް އިނީ ބައެއްފަހަރު ކަނޑަށް އަދި އަނެއްބައި ފަހަރު ކޮންމެވެސް އެހެން ދިމާއަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ބައެއް ފަހަރު ޒާއިރާގެ މޫނަށް ވެސް ބަލާލައެވެ. އެއީ ލޯބިވެތި ބެލުމެކެވެ. އެއިން ކޮންމެ ފަހަރަކު ޒާއިރާގެ ލޮލާ މިކްޔާއީލްގެ ނަޒަރު ބައްދަލުވެއެވެ. އަދި ދެމީހުންނަށް ވެސް އެ ވަގުތު ކޮޅު އިޙްސާސްވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އެދެމީހުންގެ އުނގަށް އޮހެމުން ދަނީހެންނެވެ.
ދިރިއުޅުމުގައި އެންމެ ޒުވާން އުމުރުފުރަ ފަސްދެމުން އައިސް އުމުރުން ބާވީސް އަހަރަށް އެޅިއިރުވެސް އެއްވެސް މީހަކާމެދު ހިތުގައި ތަފާތު ޚިޔާލެއް ތަފާތު އިހުސާސެއް އުފެދިފައިނުވާ ޒާއިރާގެ ހިތް މިކްޔާއީލް އަށް ދެވުނީ ހިފެހެއްޓުމެއް، އިޚުތިޔާރެއް ނެތިއެވެ. މިކްޔާއީލް އަކީ ކާކުކަން، ކޮން ރަށެއްގެ މީހެއްކަން، ކޮންތާކު އުޅޭ، ކޮން އާއިލާއަކަށް ނިސްބަތްވާ މީހެއްކަން އަދި ކޮން މަސައްކަތެއްކުރާ މީހެއްކަމެއްވެސް ޒާއިރާއަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ މިކްޔާއީލް ދެކެ ޒާއިރާއަށް ލޯބިވެވިއްޖެ ކަމެވެ. އެކަމުގައި މިކްޔާއީލް ހުރީ ކޮންގޮތަކަށްތޯ ޒާއިރާގެ ހިތުގައި ހިނގާ ޖަޒުބާތު މިކްޔާއީލްގެ ހިތުގައި ހިނގާތޯ ވެސް ޒާއިރާ އަހާނުލައެވެ. އެހަނދާނެއް އެ ޚިޔާލެއް ޒާއިރާއަކަށް މުހިންމެއް ވެސް ނޫންކަހަލައެވެ.
މިކްޔާއިލްގެ މޫނަށް ބަލަހައްޓައިގެން އިން ޒާއިރާއަށް ކުއްލިއަކަށް ހިފާލެވުނީ މިކްޔާއިލްގެ އަތުގައެވެ."މިކް! ... އަހަރެން ބޭނުން އެނގެން... ބޭނުން އަހަން..." ޒާއިރާއަކަށް ނުބުނެވުނެވެ. މިކްޔާއިލް ޒާއިރާގެ މޫނަށް ބަލައިލިއެވެ. ލޯބިވެތި ގޮތަކަށެވެ.
- ނުނިމޭ-
މިބައިވެސް ވަރަށް ރީތި