އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލަންޑަނުގެ ބޮޑު ދެބާރުގެ ކުރިމަތިލުން 5-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް އާސެނަލްއިން ޗެލްސީ ލަދުގަންނުވާލައިފިއެވެ.

އާސެނަލްގެ މަޝްހޫރު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އާސެނަލްއަށް ހަތަރު ވަނަ މިނެޓުގައި ލީޑް ނަގައިދިނީ ބެލްޖިއަމްގެ ފޯވާޑް ލިންދްރޯ ޓްރޮއްސާޑެވެ. ވާދަވެރިވާނެ ކަމަށް ބެލެވުނު މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިއީ މިނަތީޖާގައި އޮވެގެންނެވެ.

ކަންތައް ބަދަލުވެގެންދިޔައީ ދެވަނަ ހާފް ފަށައިގެން 52 ވަނަ މިނެޓުގައި ޑިފެންޑަރު ބެން ވައިޓް އަދި 57 ވަނަ މިނެޓުގައި ފޯވާޑް ކައި ހަވާޓްޒްގެ ލަނޑުން އާސެނަލްއިން ލީޑް ފުޅާކޮށްލުމުންނެވެ. މިއާއެކު ޗެލްސީގެ ކުޅުންގަނޑު ރޫޅިގެންދިޔައީއެވެ. މިސީޒަނުގައި ޗެލްސީއިން ވިއްކާލުމުން އާސެނަލްއަށް ބަދަލުވި ހަވާޓްޒް އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 65 ވަނަ މިނެޓުގައެވެ. އާސެނަލްގެ ފަސްވަނަ ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެން ވައިޓެވެ.

މުޅި މެޗަށްބަލާއިރު ގިނަވަގުތު ބޯޅަ ގެންގުޅުނީ ޗެލްސީއިންނެވެ. އެކަމަކު އާސެނަލްގެ ގޯލަށް އަމާޒުކޮށް ޗެލްސީއަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އާސެނަލްއިން ވަނީ ޗެލްސީގެ ގޯލަށް އަމާޒުކޮށް 10 ހަމަލާ ފޮނުވާލާފައެވެ.

މިއީ ޗެލްސީ އަތުން އާސެނަލް މިހާތަނަށް ހޯދި އެންމެ ބޮޑު މޮޅެވެ. އަދި މިއީ ލަންޑަނަށް ނިސްބަތްވާ ކްލަބެއް އަތުން 1986 ގެ ފަހުން މިހާ ބޮޑު ތަފާތަކުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ.

މިމެޗުން މޮޅުވުން 77 ޕޮއިންޓާއެކު މިވަގުތަށް އާސެނަލްއަށް ވަނީ ތާވަލުގެ އެއްވަނަ ލިބިފައެވެ. އެއީ ލިވަޕޫލަށްވުރެ އިތުރަށް އެއްމެޗް އަދި މެންޗެސްޓަރ ސިޓީއަށްވުރެ އިތުރަށް ދެމެޗް ކުޅެގެންނެވެ. ތާވަލުގެ 3 ވަނައިގައި މެންޗެސްޓަރ ސިޓީ 73 ޕޮއިންޓާއެކު އޮތީ 32 މެޗް ކުޅެގެންނެވެ. ލިވަޕޫލް ދެވަނައިގައި 74 ޕޮއިންޓާއެކު އޮތީ 33 މެޗު ކުޅެގެންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭވެސް ވަރުގަދަ މެޗުތަކެއް ކުޅޭނެއެވެ. މިގޮތުން ލިވަޕޫލް އާއި އެވަޓަން ، މެންޗެސްޓަރ ޔުނައިޓެޑާ ޝެފީލްޑް ޔުނައިޓެޑް ބައްދަލު ކުރާ މެޗް ފާހަގަ ކޮށްލެވެއެވެ. މިދެޗްވެސް ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.