ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިންގ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ވިދާޅުވީ މި މްޕްލެކްސް އިމާރާތްކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމް ގެ ވަސީލަތްތައް ހިމަނައިގެން ކަމަށެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިމާރާތް ކުރާ ކޮންޓްރެކްޓަރ، ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒޯ ވެއިޑޮންގ އެވެ.
މީގެއިތުރުން އެ ކޯޕަރޭޝަނުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވެއާހައުސިންގ ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން މި ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު އިމާރާތްކުރާ މި ކޮމްޕްލެކްސް އަކީ އިންޑަސްޓްރީއަށް އަންނަ އިންގިލާބީ ބަދަލެއް ކަމަށާއި އަދި އޭގެ ސަބަބުން ވިޔަފާރިތަކަށް ގިނަ ކުރިއެރުން ލިބޭނެ ކަމަށެވެ.
މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ އެގޮތުން ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެއެވެ. މީގެ އިތުރުން އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެ ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
ހަމައެއާއެކު އެޗްޑީސީން ވިދާޅުވީ އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެ ކަމަށާއި ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެ ކަމަށެވެ.
އަދި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.