ކޮވިޑް-19 ބަލީގެ އާލާސްކަންފުޅުން ސަލާމަތްވެ، މެކްސިކޯގެ ރައީސް އެންޑްރޭސް މަނުއެލް ލޮޕޭޒް އޮބްރޭޑޯ އެނބުރި ރަސްމީ މަސައްކަތަށް ނުކުމެވަޑައި ގެންފިއެވެ.

އާލާސްކަންފުޅު ޖެހިވަޑައި ގަތުމުގެ ކުރިން ކަން ކުރައްވަމުން ގެންދެވި އުސޫލުން މެކްސިކޯގެ ރައީސްވަނީ، ކޮންމެ ދުވަހަކު އޭނާ ބައްވާ ޕްރެސް ކޮންފަރެންސް ހޯމަދުވަހު ފަށްޓަވާފައެވެ.

މެކްސިކޯގެ ރައީސް އެންޑްރޭސް މަނުއެލް ލޮޕޭޒް ރަސްމީ މަސައްކަތަށް އެނބުރި މި ވަޑައިގަތީ ދެ ހަފްތާވަންދެން އައިސޮލޭޝަންގައި ހުންނެވުމަށް ފަހުގައެވެ.

ޕްރެސް ކޮންފަރެންސްގައި އެންޑްރޭސް މަނުއެލް ލޮޕޭޒްވަނީ، އޭނާއަށް ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން، އެކަމާ ކަންބޮޑުވި މެކްސިކޯގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

"އަޅުގަނޑުގެ ބައްޔާމެދު ކަންބޮޑުވި މެކްސިކޯގެ ހުރިހާ ރައްޔިތުންނަށް، އަންހެނުންނަށް، ފިރިހެނުންނަށް ޝުކުރު އަދާކުރަން. ނަސީބު ރަނގަޅުކަމުން މިކަމުން އަޅުގަނޑު ސަލާމަތްވެއްޖެ. ކޮވިޑާ ހަނގުރާމަކޮށް އަޅުގަނޑު އެނބުރި ފައިމައްޗަށް ތެދުވެއްޖައިން" އެންޑްރޭސް މަނުއެލް ލޮޕޭޒް

މެކްސިކޯގެ ރައީސް ނޭޝަނަލް ޕެލަސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަން އިންނެވީ، އާންމު އުސޫލުން މާސްކްވެސް ނާޅުއްވައެވެ.

ހިތްޕުޅުގެ އާލާސްކަންފުޅާއި، ހައިޕަރޓެންޝަންގެ މައްސަލަތައް ހުންނަ، މެކްސިކޯގެ ރައީސް އެންޑްރޭސް މަނުއެލް ލޮޕޭޒްއަށް ކޮވިޑްގެ އާލާސްކަންފުޅު ޖެހިވަޑައިގެންވިކަން އޭނާ އިއުލާން ކުރެއްވީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އޭގެފަހުން، އައިސޮލޭޓްގައި ހުންނަވައި އޭނާ ގެންދެވީ ކޮވިޑަށް ފަރުވާ ހޯއްދަވަމުންނެވެ.

މެކްސިކޯގެ ރައީސަކީވެސް ކޮވިޑް ބަލީގެ ކުރީކޮޅު، މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އަދި ވަރަށް ނާދިރު ފަހަރެއްގައި މެނުވީ އޭނާ މާސްކްވެސް ނާޅުއްވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.

މެކްސިކޯއިން މިހާތަނަށް 1.9 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި 166،000 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ. އެގައުމު ހިމެނިގެން ގޮސްފައިވަނީ ބަލީގައި އެންމެ ގިނަމީހުން މަރުވި ގައުމުތަކުގެ ތެރޭގައެވެ.