ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ފައިސަލްއެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 99 ފުލުހުންނެވެ. އެއީ އަންހެން 27 ފުލުހުންނާއި ފިރިހެން 51 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 10 ފުލުހުންނާއި ފިރިހެން 11 ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި، ހެޑް އޮފް ޕީޕަލް ޑައިރެކްޓްރޭޓް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާން، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަހްމަދު ބިޝާރު އަދި ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.