ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
މީގެއިތުރުން ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އިސްކަން ދޭނެ ކަމަށާއި އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައި ދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް އެޗްޑީސީބް އަންނަނީ މަސައްކަތް ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
އަދި ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އެޗްޑީސީން އަބަދުވެސް މަސައްކަތަ ކުރަމުން ދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމްކޮށް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.