ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް ލ. ގަމު ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް ޔޫސުފް ނަޝީދު (ޔޫތު)ގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ލިންކް ރޯޑުގައި ހަވާ އަރުވާނޭ ކަމަށް ޔޫތު2024 ފޭން ކުލަބުން ބުނެފިއެވެ.
ޔޫތު2024 ފޭން ކްލަބުން މިހެން ބުނެފައިވަނީ ފޭސްބުކްގައި އެ ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައިއެވެ
އެ ޕޯސްޓްގައި އެ ކްލަބުން އިތުރަށް ބުނެފައިވަނީ ޔޫތަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމަށްޓަކައި '' ޝުކުރިއްޔާ ރައްޔިތުން'' ގެ ނަމުގައި މިއަދު ހަވީރު ސައިކަލު ބުރެއްވެސް އޮންނާނެ ކަމަށެވެ. މި ސައިކަލު ބުރު ފެށޭނެ ގަޑިއަކީ ހަވީރު 4:30 ގައެވެ. އަދި ހަވާ އަރުވާނީ މިރޭ 20:15 ގައި ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ޔޫތު2024 ފޭން ކްލަބުން ވަނީ ގަމު ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި ހަރާތްތަކުގައި ބައިވެރިވުމަށް ދައުވަތުވެސް އަރުވާފައެވެ.
ޔޫސުފް ނަޝީދު (ޔޫތު)ގެ ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 1853 ވޯޓް ހޯއްދަވައިގެންނެވެ.
އަދި ޔޫތުއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޝަރީފަށް ލިބުނީ 1273 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި އަހުމަދު ޝަރީފަށް ލިބިފައިވަނީ 14 ވޯޓެވެ.