މާލެ ސަރަހައްދުން މި މަހު އެކަނިވެސް ޗިކުންގުންޔާގެ 59 ކޭސް ރިޕޯޓްކުރެވިފައިވާ ކަމަށާއި، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ އެ ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށް ވިދާޅުވެ ސަމާލުވާން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިލްތިމާސްކޮށްފިއެވެ.

މިނިސްޓަރ މި ކަމަށް އިލްތިމާސް ކޮށްފައިވަނީ 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޗިކުންގުންޔާ ފެތުރޭ މިންވަރުރާއްޖޭގައި ވަނީ އިތުރުވެފައި ކަމަށާއި ޗިކުންގުންޔާގެ އިތުރުން ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށެވެ.

ޑެންގީ ހުންފަތުރާ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމަކީ ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސުމާއި ދުޅަވުން އަދި ހުން އައުން ފަދަ އުނދަގޫތައް ދިގު މުއްދަތަކަށް ދެމިގެންދާ ބައްޔެކެވެ.

ޗިކުންގުންޔާގެ އަލާމަތްތަކުގެ ތެރޭގައި ބޮލުގަޔާ އަދި ގައިގެ އިތުރުން ހުޅުހުޅުގައި ރިއްސުމާއި ހުޅުހުޅު ދުޅަވުމާއި ބަނޑުގައި ރިއްސާ މޭ ނުބައިކޮށް ހޮޑު ލެވުމާއި، 39 ޑިގްރީ ސެލްސިއަސްއަށްވުރެ ހުން ގަދަ ވުމާއި، ގައިގައި ތަރް ބިހި ނުވަތަ ރޭޝް ނެގުން ހިިމެނެއެވެ.