ސަޢުދީ ޢަރަބިއްޔާ ގައި ބަނގުރާ ވިއްކާ ފިހާރަ އެއް ހުޅުވައިފިއެވެ.
މިއީ އެ ޤައުމުގައި 70 އަހަރަށް ފަހު މި ގޮތަށް ރަސްމީކޮށް ހުޅުވި މި ފަދަ ފުރަތަމަ ފިހާރައެވެ. މި ފިހާރަ ހުޅުވާފައި ވަނީ ދެ ދުވަސް ކުރިން ސަޢުދީ ޢަރައްބިއްޔާގެ ވެރިރަށް ރިޔާޟް ގައި ކަމަށް އެސޯސިއޭޓު ޕްރަސް އިން ހާމަކޮށްފައިވެއެވެ. މިއީ ސަޢުދީގެ ވެރިކަމަށް މުޙައްމަދު ބިން ސަލްމާން ވަޑައިގެންނެވި ފަހުން އެ ޤައުމަށް ގެންނަވަމުން ގެންދަވާ ބަދަލުތަކުގެ ތެރެއިން މި ފަހުން ގެންނެވި ބަދަލެކެވެ.
މުޙައްމަދު ބިން ސަލްމާންގެ ބައްޕާފުޅު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށް ސަޢުދީ ޢަރަބިއްޔާގެ ރަސްކަން ލިބިވަޑައިގަތުމުން ވަލީ އަޙްދުގެ ޒިންމާ އުފުލަވަމުން ގެންދަވަނީ މުޙައްމަދު ބިން ސަލްމާން (އެމްބީ) އެވެ. މި ބަދަލާ އެކު ސަޢުދީ އަކީ ހަމަ އެކަނި ތެލަށް ބަރޯސާ ވެފައި އޮންނަ ޤައުމެއްގެ ބަދަލުގައި ޓޫރިޒަމަށް ވެސް ހުޅުވާލެއްވިއެވެ. މި ބަދަލުތަކުގެ ދަށުން މަޙްރަމަކާ ނުލައި އަންހެނުންނަށް އަމިއްލަ އަށް ކާރު ދުއްވުން ވެސް ވަނީ ހުއްދަ ދެއްވައިފައި އެވެ.
މީގެ އިތުރުން އެ ޤައުމަށް ދަތުރު ކުރުމަށް ވިސާ ނެގުމުގައި ވެސް ފަސޭހަތަކެއް ގެންނަވާފައި ވެއެވެ. އަދި އެ ޤައުމުގެ ސަހަރާ ސަރަޙައްދު ގައި އެ ޤައުމުގެ ޤަދީމީ އާސާރު ދައްކުވައި ދޭ ސިޓީއެއް ބިނާކުރެއްވުމުގެ މަސައްކަތް ވެސް ވަނީ ފަށްޓަވާފައެވެ.
ތިޔަ ކަހަލަ ހަބަރު ރަނގަޅު