އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ފަހަތުން އަރައި 2-2 އިން ޗެލްސީ އެއްވަރުކޮށްފިއެވެ.
އެސްޓަން ވިލާގެ ދަނޑު ކަމުގައިވާ ވިލާ ޕާކުގައި ކުޅުނު މެޗު އެސްޓަން ވިލާއިން ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗު ފެށިގެން 4 ވަނަ މިނެޓުގައި އެސްޓަން ވިލާއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެއްލާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑު ނިކޮލާ ޖެކްސަން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ޖެކްސަން އޮފްސައިޑު ކަމަށް ނިންމާ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.
މެޗުގެ 42 ވަނަ މިނެޓުގައި އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ވަނީ ލަނޑު ޖަހާ އެ ޓީމުގެ ލީޑު ދެގޯލަށް ފުޅާކޮށްދީފައެވެ. ވޮޓްކިންސްގެ މި ލަނޑަކީ އޭނާ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ކާމިޔާބު ކުރި 19 ވަނަ ލަނޑެވެ. ވޮޓްކިންސްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 އިން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ޗެލްސީއިން ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 62 ވަނަ މިނެޓުގައި ލަނޑު ޖަހާ އެސްޓަން ވިލާގެ ލީޑު ކުޑަކޮށްފައެވެ. މި ލަނޑަކީ ޗެލްސީގެ ނޯނީ މަޑުއޭކޭ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޮނާރ ގެލެގާއެވެ.
މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ޗެލްސީގެ އެލެކްސް ޑިސާސީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނބުރާލަދީފައެވެ. ނަމަވެސް މެޗުގައި ދެވަނަ ފަހަރަށް ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު, ގޯލުގެ ކުރިން ޗެލްސީގެ ބެޑިއަޝެލް ފައުލު ކުރި ކަމަށް ނިންމާ, ޗެލްސީގެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ. ޗެލްސީ ފަހު ވަގުތު ޖެހި ލަނޑު ބަލައިނުގަތުމާއެކު މެޗު ނިމިގެންދިޔައީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުން އެއްވަރުވުމާއެކު ޗެލްސީއަށް ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލުމުގެ ފުރުސަތު ގެއްލިފައެވެ. ޗެލްސީ އޮތީ ކުޅުނު 33 މެޗުން ލިބުނު 48 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ. އަށްވަނައިގައި 49 ޕޮއިންޓާއެކު އޮތް ވެސްޓްހަމް އިތުރަށް ދެ މެޗު ކުޅެފައިވާތީ, އެޓީމު ފަހާލައި އަށްވަނައަށް އެރުމުގެ ފުރުސަތު ޗެލްސީއަށް އެބައޮތެވެ. ޗެލްސީ އަތުން އެއްވަރުވި އެސްޓަން ވިލާ އޮތީ, ކުޅުނު 35 މެޗުން ލިބުނު 67 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.