އެމެރިކާގެ އެމްއެލްއެސްގައި ނިއު އިންގްލޭންޑް އަތުން 4-1 އިން މޮޅުގެ އިންޓާ މިއާމީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
އެމެރިކާގެ ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިއު އިންގްލޭންޑުން ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް ޗަންކަލޭއެވެ.
އިންޓާ މިއާމީއަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓީމު ސުޕާސްޓާރ ލިއޮނެލް މެސީއެވެ. މެެސީގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި އިންޓާ މިއާމީގެ ފަރާތުން ފެނިގެންގޮސްފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި މެސީ ވަނީ އޭނާ ދެވަނަ ލަނޑު ޖަހާ, މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ލަނޑާއެކު މެސީ ވަނީ މި ސީޒަނުގައި އެމްއެލްއެސްގައި ނުވަ ލަނޑު ހަމަކޮށް, އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއަށް ވެފައެވެ.
މެޗުގެ 83 ވަނަ މިނެޓުގައި އިންޓާ މިއާމީގެ ޒުވާން މިޑްފީލްޑަރު ބެންޖަމިން ކްރެމަޝީ ވަނީ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރު ކޮށްދީފައެވެ. އިންޓާ މިއާމީހެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑަކީ މެސީ ފަހިކޮށްދިން ފުރުސަތަކުން ލުއިސް ސުއަރޭޒް ކާމިޔާބު ކޮށްދިން ލަނޑެކެވެ. ސުއަރޭޒްގެ ލަނޑާއެކު އިންޓާ މިއާމީ ވަނީ ފަސޭހަކަމާއެކު ނިއު އިންގްލޭންޑް ބަލިކޮށް ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފައެވެ.
މި ލިބުނު މޮޅާއެކު އިންޓާ މިއާމީ ތާވަލުގެ އެއްވަނައިގައި އޮތީ, ކުޅުނު 11 މެޗުން ލިބުނު 21 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެފްސީ ސިންސިނާޓީއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ނަމަވެސް އެ ޓީމު ކުޅެފައިވަނީ އެއް މެޗު މަދުން ކަމަށްވާތީ, އިންޓާ މިއާމީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު އެބައޮތެވެ. މެޗުން ބަލިވި ނިއު އިންގްލޭންޑް އޮތީ, ކުޅުނު 9 މެޗުން ލިބުނު 4 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.