ކުރިއަށް އޮތް 2 އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަންހުރި ކަންކަމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.

ވާރޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރިއަށް އޮތް 2 އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރުކުރައްވާފައިވާ 'ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް' އާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް 2 އަހަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތައް ވަނީ ކަނޑައަޅުއްވާ ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް ޢަމަލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީގެ މިސްރާބު ހުންނާނެ ގޮތް ކަނޑައެޅުމަށްޓަކާ ތައްޔާރުކޮށްފައިވާ ސަރުކާރުގެ ޕޮލިސީ ފްރޭމްވޯރކް ހިމެނޭ ޕްލޭނިންގ ޑޮކިއުމަންޓެކެވެ.