ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަންއިން ސްމާތް މީޓަރ ތައާރަފު ކުރުމުގެ ޕްރޮޖެކްޓްއެއް ކުރިއަށް އެބަ ގެންދޭ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މުއާޒު ވިދާޅުވީ ސްމާޓު މީޓަރާއި އެކު އެވަގުތު ކަރަންޓުބިލައް އަރާފައިވާ މިންވަރު ބަލާލެވޭނެ ކަމަށެވެ. އަދި މިއަދު ކަރަންޓު ބިިލަށް އެރި ވަރު މާދަމާ ބެލެން ހުންނާނެ ކަމަށެވެ. އެހެން ކަމުން ކަރަންޓު ބިލު ކުޑަކުރަން ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި މިހާރު ބައެއް ރަށްރަށުގައި އެއްކޮށްހެން ސްމާޓު މީޓަރ ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމައިފައިވާނެ ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ މި ޕްރޮޖެކްޓް ފެށިގެން ދާނީ ކުޑަހުވަދޫގައި ކަމަށާއި މިހާރު އެ ރަށުގައި މި ޕްރޮޖެކްޓް ހިންގުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއްހެން ވަނީ ނިމިފައި ކަމަށެވެ.
މީގެ އިތުރުން މުއާޒު ވިދާޅުވީ މިދިޔަ ރޯދަމަހު ކަރަންޓު ބިލުން ޑިސްކައުންޓުދޭން ރައީސް ވެވަޑައިގެން ވައުދުފުޅާއި އެއްގޮތަށް 25 މިލިޔަން ރުފިޔާގެ ޑިސްކައުންޓެއް ފެނަކައިން ދީފައިވާނެ ކަމަށެވެ.