ސަރުކާރުން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ތިންވަނަ ފޯރަމް މިރޭ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވައިފިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ސުވާލަތަށް ސީދާ ޖަވާބު ދިނުމުގެ މަގްސަދުގައި ހިންގާ "އަހާ" ފޯރަމްގައި މިރޭ ސަރުކާރުގެ ފަސް ވަޒީރަކު ބައިވެރި ވަޑައިގަންނަވާނެއެވެ. މި ފަސް ވަޒީރުންނަކީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން އާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް އާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ އާއި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ކުރިއަށް ގެންދާ މި ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ 3 މަހަކުން އެއްމަހު އެވެ. މި ފޯރަމްތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވާ ގޮތަށެވެ. އަދި ކޮންމެ 2 މަހުން އެއްމަހު ވަޒީރުން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތަށެވެ.

އަހާ ސިލްސިލާގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ގިނަ އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ހާމައަށް އޮންނަ ތަނެއްގައެވެ. އެހެންނަމަ ވެސް މިއަދާ މިރޭ މާލެ ސަރަޙައްދަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ، އަހާ ސިލްސިލާގެ މިރޭގެ ފޯރަމް، ޓީވީ މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ވަނީ ބަދަލުކުރައްވާފައެވެ.

މި ސިލްސިލާގެ 3 ވަނަ ފޯރަމް މިދިޔަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް އެމަހުގެ ފޯރަމް މި ހިނގާ އެޕްރީލް މަހަށް ފަސްކުރެއްވީ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާވުމުންނެވެ.