ލިޔުނީ: އަޒްހީން
ޕެސްޓިސައިޑުން ތަޣައްޔަރުވުމުގެ ސަބަބުން ކެންސަރު ޖައްސާކަމަށް ޔަގީން ކުރެވިފައިވާ އިންޑިއާގެ މަޝްހޫރު ހަވާދު ކުންފުނި ކަމަށްވާ އެމްޑީއެޗް އަދި އެވަރެސްޓް އިން އުފައްދާ އުފެއްދުންތަކުގެ މައްސަލަ އެމެރިކާއިން ބަލަން ފަށައިފިއެވެ.
ހޮންގްކޮންގް އިން ދާދި ފަހުން ވަނީ އެމްޑީއެޗްގެ ތިން ސްޕައިސް ބްލޭންޑާއި އެވަރެސްޓްގެ އެއް ސްޕައިސް ބްލޭންޑް ވިއްކުން ހުއްޓާލާފައެވެ. އެމްޑީއެޗް އާއި އެވަރެސްޓް އަކީ އިންޑިއާ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދެ ކުންފުންޏެކެވެ.
އެވަރެސްޓް އިން އެ ކުންފުނީގެ އުފެއްދުންތަކުގެ ރައްކާތެރިކަން ދަމަހައްޓަމުން އަންނައިރު، އެމްޑީއެޗުން އަދި އެ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. ސިންގަޕޫރުން ވެސް ވަނީ އެފަދަ ކަންބޮޑުވުންތަކާ ހުރެ އެވަރެސްޓްގެ ފިޝް ކަރީ މިކްސް ރިކޯލް ކޮށްފައެވެ. އިންޑިއާގެ ސްޕައިސް ބޯޑުން ދަނީ ކޮލިޓީގެ މައްސަލަތައް ދިމާވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ކުންފުނިތަކުގެ ފެސިލިޓީތައް އިންސްޕެކްޓް ކުރަން ފަށައިފައެވެ.
ސްޕައިސްތަށް "ފުމިގޭޓްކުރުން" ނުވަތަ ދުމުގެ ޒަރިއްޔާއިން ޑިސްއިންފެކްޓްކުރަން ބޭނުންކުރާ އެތިލީން އޮކްސައިޑަކީ އެމެރިކާގެ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކާސިނޯޖެނިކްއެއްގެ ގޮތުގައި ގިންތިކޮށްފައިވާ އެއްޗެކެވެ. މީގެ ކުރިން ކުރި ދިރާސާތަކުން ލިމްފޮއިޑް އަދި އުރަމަތީގެ ކެންސަރު ފަދަ ކެންސަރުގެ ނުރައްކާ ބޮޑުވުމާއި އެތިލީން އޮކްސައިޑަށް އެކްސްޕޯޒްވުން ގުޅިފައިވާކަމަށް ދައްކާފައިވެއެވެ.
މިކަމާ ގުޅިގެން އެމްޑީއެޗް އާއި އެވަރެސްޓްގެ ބަހެއް އަދި ނުލިބެއެވެ.
2019 ވަނަ އަހަރުވެސް ސެލްމޮނެލާ ކޮންޓެމިނޭޝަންގެ ބިރަށް އެމެރިކާގައި އެމްޑީއެޗްގެ އުފެއްދުންތައް ވިއްކުންހުޓާލަފައިވެއެވެ.