މި ސީޒަން ނިމުމުން ޗެލްސީ ދޫކޮށްލަން ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ނިންމައިފިއެވެ.

2020 ވަނަ އަހަރު ޕީއެސްޖީއިން ހިލޭ ޓްރާންސްފާއެއްގައި ޗެލްސީއާ ގުޅުނު ތިއާގޯ ސިލްވާ, ޗެލްސީ ދޫކޮށްލަން އޭނާ ނިންމި ނިންމުން ދުނިޔެއަށް ހާމަކުރީ ހޯމަ ދުވަހު އާއްމު ކުރި ވީޑިއޯއެއްގައެވެ.

39 އަހަރުގެ ތަޖުރިބާކާރު ސިލްވާ ވަނީ, ޗެލްސީއަށް އޭނާ ކުޅެދިން ހަތަރު އަހަރުގެ ތެރޭގައި ތިން ތަށި އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 2020-2021 ގެ ސީޒަނުގައި ކާމިޔާބު ކުރި ޗެމްޕިއަންސް ލީގެވެ.

ކުޅުންތރިޔެއް ގޮތުގައި ޗެލްސީ ދޫކޮށްލި ކަމުގައިވިއަސް ކުރިއަށް އޮތް ތާގައި ޗެލްސީގެ އެހެން މަގާމަކުނަ އޭނާ ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިލްވާ ވަނީ ހާމަކޮށްފައެވެ.

"އަހަންނަށް ވަރަށް އުނދަގޫ ޗެލްސީއަށް އަލްވަދާއު ކިޔަން. ކްލަބުން ދިޔަކަމުގައިވިއަސް އަހަރެން އަބަދު ވެސް ހުންނާނީ ޗެލްސީ މީހެއްގެ ގޮތުގައި. ކުރި މަގުގައި އެހެން މަގާމެއްގައި ޗެލްސީއިން އަހަރެން ފެނުމަކީ އެކަށީގެންވާ ކަމެއް" ޗެލްސީ ދޫކޮށްލަން ނިންމި ހަބަރު އާއްމު ކުރި ވީޑިއޯގައި ސިލްވާ ބުންޏެވެ.

ދެން އަންނަ ސީޒަނުގައި ސިލްވާ ކުޅޭނީ ކޮން ކްލަބަކަށް ކަމެއް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ. އުމުރުން 40 އަހަރު ފުރެން ކައިރިވެފައިވާ ސިލްވާ, ފުޓުބޯޅައިން ރިޓެއާ ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.