ބަޔާން މިއުނިކަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ގޮތުގައި ރެއާލް މެޑްރިޑުން ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

އެންޗެލޯޓީ މިހެން ބުނީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ ޓީމުން ބައްދަލުކުރަން ކުރިއަށް އޮތް ޗެމްޕިއަންސް ލީގު ސެމީ ފައިނަލާ ބެހޭ ގޮތުން ވާހަކަދައްކަމުންނެވެ.

"އަހަރެމެން މި ތައްޔާރު ވަނީ ވަރަށް ކޮލިޓީ ހުރި ނުރައްކާތެރި ޓީމަކާ ދެކޮޅަށް ކުޅެން. އަހަރެމެން ބަޔާނާ ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ވަރަށް އިތުބާރާއެކު. އެކަމަކު ބަޔާން ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭ މެޗެއް ފަސޭހައެއް ނުކޮށްލާނަން" ކުރިއަށް އޮތް މުހިއްމު ސެމީއާ ބެހޭ ގޮތުން ވާހަކަދައްކަމުން އެންޗެލޯޓީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ދެ ކްލަބު ކަމުގައިވާ ރެއާލްއާއި ބަޔާން ވާދަކުރާ ސެމީގެ ކުރިން ވާހަކަދައްކަމުން ބަޔާންގެ ކޯޗު ތޯމަސް ޓޫކެލް ވަނީ ރެއާލުގެ ކޯޗު އެންޗެލޯޓީއަށް ތައުރީފު ކޮށްފައެވެ.

"ކޯޗުގެ ތަޖުރިބާ އާއި ހުނަރުން މި ސެމީ ފައިނަލުގެ ނަތީޖާ ނިކުންނަ ނަމަ އަހަރެމެނަށް މި ސެމީ ކާމިޔާބު ކުރުމުގެ އެއްވެސް ފުރުސަތެއް ނެތް" އެންޗެލޯޓީގެ ތަޖުރިބާއަށް ތައުރީފު ކުރަމުން ޓޫކެލް ބުންޏެވެ.

ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލު ކުރާ ވާދަވެރި ސެމީ ފައިނަލުގެ ފުރަތަމަ ލެގު އޮންނާނީ 1 މޭ ވާ ބުދަ ދުވަހުގެ ދަންވަރު 00:00 ގައި, ބަޔާނުގެ އެލިއަންޒް އެރީނާ ސްޓޭޑިއަމްގައެވެ.