އިޒްރޭލުގެ ވައިގެ ހަމަލާތަކާއި ޑްރޯން ހަމަލާތަކުގައި ނުސޭރަތު ރެފިއުޖީ ކޭމްޕުގައި ތިބި ތިން މީހަކާއި ޣައްޒާ ސިޓީގައި ތިބި ދެ މީހަކު ޝަހީދުވެ، ހޯމަ ދުވަހު ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 34 އަށް އަރާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފިއެވެ.

ހަނގުރާމަ 40 ދުވަހަށް މެދުކަނޑާލަން އިސްރާއީލުން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ފަލަސްތީނަށް ގޮވާލައިފިވާ ހިނދު ހަމާސްގެ އިސް އޮފިޝަލް އުސާމާ ހަމްދާން އަލްޖަޒީރާއަށް ވިދާޅުވީ ފަލަސްތީނަށް ދޭ ހަމަލާތައް ދާއިމީކޮށް ހުއްޓާލަން ޖެހޭ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 34،488 މީހުން ޝަހީދުވެ 77،643 މީހުން ޒަޚަމްވެފައިވެއެވެ. މި ހަނގުރާމައިގައި 13،000 އަށް ވުރެގިނަ ކުޑަކުދިން އިޒްރޭލުން ގަތުލު ކޮށްފައިވާއިރު، ގިނަ ބަަޔަކަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ ބަޑުހައިހޫނުކަންމަތީ ޝަހީދުވެގެން ގޮސްފައިވާއިރު ޣައްޒާގައި އަދިވެސް އެތައް ބަޔަކު ވަނީ ބަންދުކޮށްފައެވެ.