ސަރުކާރުން ކުރަމުންދާ އުއްމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގަކާއި ތިޔާގިކަމުގެ އެތައް ފުރުޞަތެކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ރައީސް ޑރ. މުޢިއްޒު ސަރުކާރާ ހަވާލުވިއިރު އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ މަސައްކަތްތެރި ކުންފުނިތަކާއި ފަރުދުންނަށް ދައުލަތުން ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ޚަރަދުތައް ނުކުރެވި، ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފަކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށާއި މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ޤައުމުގެ އިޤްތިޞާދީ ލޭނާރު ޙިމާޔަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ

ސިވިލް ސަރވިސްއާ ސިއްޙީ ޚިދުމަތުގައި އުޅުމަށްފަހު މަސައްކަތުން ދުރަށްގޮސް ތިބި ޚިދުމަތްތެރިންނަށް އަލުން މަސައްކަތް ކުރުމުގެ މަގުފަހިކޮށްދެމުންދާއިރު ސަރުކާރުގައި ޚިދުމަތް ކުރެވޭ އުމުރު 75 އަށް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުޞަތު މިހާރު މިދަނީ ހޯދައިދެމުންކަމަށްޗެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަސައްކަތްތެރިކަން އުނގަންނައިދިނުމާއި އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށް މި ޚިޠާބުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ޤައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކޮށް، ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރިންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށައިފައިވާ ކަމަށާއި ބޯހިޔާވަހިކަމުގެ ޚާއްސަ ސްކީމެއް ތައާރަފު ކުރުމާއި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ކަށަވަރު ކުރުމާއި މަސައްކަތުގައި ކުރިއަށްދިއުމަށް ލުއި ލޯނު ދިނުމާއި އާމްދަނީ ލިބޭނެ މާކެޓުތައް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، ގައުމުގެ އިގްތިސާދު ގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން ކަމަށާ މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހޭ ކަމަށް ވެެސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޓޫރިޒަމް ފުޅާކޮށް މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރުފުކޮށް ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި ލިބޭ އާމްދަނީ މަތިވަމުންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެގޮތުން، ބޮޑެތި ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުޞަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ޤައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވެގެންދާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.