މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ހިސާބުތައް އާންމުކޮށްފިއެވެ
އެމްޓީސީސީއިން ބުނާގޮތުގައި، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކުގެ ތެރޭގައި 664.44 މިލިއަން ރުފިޔާގެ ރެވެނިޔު ލިބިފައިވާއިރު، 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނީ 748.15 މިލިއަން ރުފިޔާއެވެ. ޓެކުހުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 6.17 މިލިއަން ރުފިޔާ ލިބިފައިވާއެވެ. ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 92.87 މިލިއަން ރުފިޔާއެވެ. ހިއްސާއަކަށް ލިބުނު އާމްދަނީ އަކީ 0.65 ރުފިޔާކަމަށް އެކުންފުނިން ރިޕޯޓުކުރެއެވެ.
މި ކުއާޓަރުގައި އެމްޓީސީސީން ވަނީ ޖުމްލަ 137.85 މިލިއަން ރުފިޔާގެ ތިން މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާ، 571.36 މިލިއަން ރުފިޔާގެ އާ ހަ ޕްރޮޖެކްޓެއް ހޯދާފައެވެ. މިގޮތުން، އިންޓާނަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްސް ޑިޖިޓަލައިޒޭޝަންގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓާއި ޓްރާންސްޕޯޓް އޮޕަރޭޝަންސް ސިސްޓަމްތައް އިތުރުކުރުން ހިމެނެއެވެ. ޓާމިނަލް އެންހޭންސްމަންޓް މެދުވެރިކޮށް މާލޭ މެރިން ޓްރާންސްޕޯޓް ނެޓްވޯކަށް ކުރިއެރުންތަކެއް ގެނެސްފައިވާއިރު ހއ. ދިއްދޫގައި އަލަށް 14 ބަސް ސްޓޮޕެއް ބަހައްޓާ ގްރޭޓާ މާލޭގައި ވިނަރެސް ފްލެޓާއި އެމްޕީއެލް ފްލެޓްތަކަށް ހިދުމަތް ދިނުމަށް އިތުރު ސްޓޮޕްތަކެއް ވަނީ ބަހައަޓާފައެވެ.
އެމްޓީސީސީއިން ބުނާގޮތުގައި، އެ ކުންފުނިން މި ކުއާޓަރުގައި ބަނދަރު ތަރައްގީކުރުމާއި، އެއާޕޯޓު އެޅުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ފަޅު ފުންކުރުމާއި، ހިއްކުމާއި، މަގުހެދުމާއި އިމާރާތްތަކާއި ކޯޒްވޭފަދަ 196 މަޝްރޫއެއްގެ މެނޭޖްމަންޓް ބަލަހައްޓާފައިވެއެވެ. މިކާމިޔާބީތަކާއެކުވެސް، ޕްރޮޖެކްޓްމެޓީރިއަލް ހޯދުމާއި ޑެލިވަރީ ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން މިދިޔަ ކުއާޓަރާ އަޅާބަލާއިރު އާމްދަނީ ވަނީ 17 އިންސައްތަ ދަށަށް ގޮސްފައެވެ.
މެނޭޖްމަންޓުން މި ދަށަށް ދިއުމުގެ ސަބަބަކީ ކޭޝްފްލޯ ޕޮޒިޝަން ދަތިވުމުގު ސަބަބުން ކޮންސްޓްރަކްޝަން އަދި ޑްރެޖިން ޕްރޮޖެކްޓްތަކުގެ ކުރިއެރުން ލަސްވުމެވެ. މިދިޔަ ކުއާޓަރާ އަޅާބަލާއިރު ޖުމްލަ ޚަރަދު ތައް ކުޑަކުރުމަށް މަސައްކަތް ކުރެވުނު ނަމަވެސް، މި ދަށްވުމަކީ ކުންފުނީގެ ކަނޑައެޅިފައިވާ ޚަރަދުތަކުގެ ސަބަބުން ލިބުނު އާމްދަނީ ދަށަށް ދިޔަ މިންވަރެއްނޫން ކަމަށް އެމްޓީސީސީއިން ބުނެއެއެވެ. މީގެ އިތުރުން މި ކުއާޓަރުގައި ރަމަޟާން މަހުގެ އިނާޔަތްތައް ދެއްކުމުން ފައިދާއަށް އިތުރަށް އަސަރުކުރި ކަމަށް އެކުންފުނިން ބުނެއެއެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށް މެނޭޖްމަންޓުން އަންނަނީ ކުންފުނީގެ މާލީ ހާލަތާއި އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށް ސްޓްރެޓެޖީތައް އަމަލީ ގޮތުން ތަންފީޒު ކުރަމުންކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި، ކުންފުނީގެ މުސްތަގުބަލާ މެދު މެނޭޖްމަންޓުން އަދިވެސް އޮތީ އުއްމީދުގަކަމަށާއި މި ސްޓްރެޓެޖީތައް ތަންފީޒުކޮށް ކުންފުނީގެ ޕާފޯމަންސް ގާތުން ބެލުމުން ކުންފުނީގެ އަމާޒަކީ ފައިދާ އިތުރުކޮށް ބާޒާރުގައި އެ ކުންފުނީގެ މަގާމު ހަރުދަނާ ކުރުންކަމަށް އެކުންފުނިން ބުނެއެވެ.