ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އަމިއްލަ ދަނޑުގައި ރެއާލް އަތުން 2-2 އިން ބަޔާން މިއުނިކް އެއްވަރުވެއްޖެއެވެ.

ބަޔާނުގެ އެލިއަންޒް އެރީނާގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ, މެޗުގެ ލީޑު ނަގާފައިވަނީ ރެއާލްއެވެ. މި ލަނޑަކީ މެޗުގެ 24 ވަނަ މިނެޓުގައި ޓޯނީ ކްރޫޒް ފަހިކޮށްދިން ފުރުސަތަކުން ވިނީޝިއަސް ޖޫނިއާ ކާމިޔާބު ކޮށްދިން ލަނޑެކެވެ. ވިނީޝިއަސްގެ މި ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި ޖުމްލަ 20 ލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދީފައެވެ.

ބަޔާނަށް މެޗުގެ ނަތީޖާ ހަމަކުރެވުނީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ ލިރޯއީ ސާނޭއެވެ. އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ހެރީ ކޭން ވަނީ ބަޔާނުގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ޕެނަލްޓީ ބަޔާނަށް ލިބެން މެދުވެރިވީ ޖަމާލް މުސިއާލާއަށް ރެއާލުގެ ވަޒްކުއޭޒް ފައުލު ކުރުމާ ގުޅިގެންނެވެ.

ރެއާލުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 83 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ލިބުނު ޕެނަލްޓީއަކުން ވިނީޝިއަސް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މެޗުގައި ވިނީޝިއަސް ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު, މެޗު ނިމިގެންދިޔައީ ނަތީޖާގައި ދެ ޓީމުގެ މެދުގައި އެއްވެސް ފަރަގެއް ނެތިއެވެ.

ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ދެ ޓީމު ކުޅުމަށް ހަމަޖެހިފައިވަނީ 9 މޭ ވާ ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 ގައެވެ. ދެވަނަ ލެގު ކުޅެވިގެންދާނީ ރެއާލިގެ ދަނޑު ކަމުގައިވާ ސަންޓިއާގޯ ބާނަބާއޯގައެވެ.