ސެނެގާލުގެ ރަސްމީ ބަހަކީ ޢަރަބި ބަސް ކަމުގައި އެޤައުމުގެ އައު ރައީސް ކަނޑަ އަޅުއްވައިފިއެވެ. މަދު ހަފްތާތަކެއްގެ ކުރިން އިންތިޚާބުވި 44 އަހަރުގެ ބާސީރޫ ދިޔޯމާޔީ ފާޔީ ވިދާޅުވެފައި ވަނީ އެ ޤައުމަށް މި ގެންނެވި ބަދަލުގެ ސަބަބަކުން ދުނިޔޭގެ ޤައުމުތަކާ އެކު އޮންނަ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތަކަށް ވެސް ބަދަލު ނާންނާނެ ކަމުގައެވެ. މި ގޮތަށް އޭނާ ވިދާޅުވެފައި ވަނީ ރަސްމީ ބަހަކީ ޢަރަބި ބަސް ކަމުގައި ކަނޑައެޅި ކެބިނެޓުގެ ބައްދަލުވުމަށް ފަހު ރަސްމީކޮށް އެކަން އިޢުލާނު ކުރައްވަމުން ކަމުގައި އަލްޖަޒީރާ އާއި، މިޑިލް އީސްޓް މޮނިޓަރ ގައި ރިޕޯޓުކޮށްފއި ވެއެވެ.
އެފްރިކާގެ ޤައުމެއް ކަމުގައިވާ ސެނަގާލުގެ އައު ރައީސް މަޤާމާ ޙަވާލުވެވަޑައިގެން ފައި ވަނީ މީގެ 23 ދުވަސް ކުރިންނެވެ. މިއީ އެ ޤައުމުގެ ފަސްވަނަ ރައީސެވެ. މި ޤައުމަކީ ދިގު ދައުރުތަކެއް އަދާ ކުރާ ރައީސުން ތިއްބަވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. 1963 ގައި އިންތިޚާބުވި ފުރަތަމަ ރައީސް 20 އަހަރާ 5 މަހެއް ހާ ދުވަހު ވެރިކަން ކުރެއްވިއެވެ. ބާސީރޫ ދިޔޯމާޔީ ފާޔީ އަށް ވުރެ ކުރިން ވެރިކަން ކުރެއްވި ރައީސް ވަނީ 12 އަހަރު ވެރިކަން ކުރައްވާފައެވެ.
ކުރިން ސެނެގާލުގެ ރަސްމީ ބަހަކީ ފުރެންޗް (ފުރާންސުގެ ބަސް) އެވެ. އެ ޤައުމަކީ ފުރާންސުގެ އަޅުވެތި ކަމުގައި ކުރިން އޮތް ޤައުމެކެވެ. ފުރާންސުން އެ ޤައުމު 1677 ވަނަ އަހަރުން 1960 ވަނަ އަހަރާ ހަމައަށް އަޅުވެތި ކޮށްފައި ވެއެވެ. 300 އަށް ވުރެ ގިނަ އަހަރު އަޅުވެތިކަމުގައި ހޭދަ ކުރިއިރު، އެކި ދުވަސްވަރު ފުރާންސު ނޫން އެހެނިހެން ޤައުމުތަކުން ވެސް އިސްތިޢުމާރު ކޮށްފައި ވެއެވެ.
ބާސީރޫ ދިޔޯމާޔީ ފާޔީ އަށް ވެރިކަމަށް އާދެވުނީ ޚިޔާނާތާއި، ފަސާދަ އާއި، ހަމަހަމަ ކަމާ ގުޅޭގޮތުން ވަކާލާތު ކުރައްވައި ކުރެއްވި މަސައްކަތްތަކަށް ފަހުއެވެ. މި ވާހަކަތަކާ ގުޅިގެން އޭނާ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޖަލުގައި އޮންނަވަން ވެސް ޖެހިވަޑައިގެންނެވިއެވެ. ސެނަގާލް އަކީ ޤުދުރަތީ މުއްސަނދި ކަން ލިބިފައި ވާ ޤައުމެކެވެ. ނަމަވެސް ޚިޔާނާތާއި، ވެރިކަމުގައި ތިބޭ މީހުންގެ ބާރުގެ ސަބަބުންނާއި، ނޭއްގާނީ ކަންކަމުގެ ސަބަބުން ފަޤީރު ޤައުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ނަމަވެސް ފުޓްބޯޅައިގައި މަޝްހޫރު ޤައުމެކެވެ.