ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ސެމީ ފައިނަލުގައި އަލްހަލީޖް އަތުން 3-1 އިން މޮޅުވެ, މުބާރާތުގެ ފައިނަލުގެ ޖާގަ އަލްނަސްރު ކަށަވަރުކޮށްފިއެވެ.
ސައުދީ އަރަބިއާގެ އަލްއައްވަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ އަލްނަސްރެވެ. އެގޮތުން އަލްނަސްރު ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ސުޕާ ސްޓާރ ކްރިސްޓިއާނޯ ރޮނަލްޑޯއެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް, ސާދިއޯ މާނޭ ވަނީ އަލްނަސްރުގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ. މާނޭގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 އިން އަލްނަސްރު ކުރީގައި އޮވެގެންނެވެ.
އަލްނަސްރުގެ ތިން ވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިން ރޮނަލްޑޯއެވެ. މި ލަނޑާއެކު ރޮނަލްޑޯ ވަނީ މި ސީޒަނުގައި އަލްނަސްރަށް ޖުމްލަ 44 ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި އަލްހަލީޖްގެ ފަވާޒް އަލްތޮރައިސް ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުން ކަނޑާލަދީފައެވެ. ނަމަވެސް މެޗުގެ ނަތީޖާ ހަމަހަމަ ނުކުރެވުމާއެކު އަލްހަލީޖަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އަލްނަސްރު ނިކުންނާނީ ސައުދީގައި މި ވަގުތު އެންމެ ފޯމުގައި އޮތް ޓީމު ކަމުގައިވާ އަލްހިލާލާ ދެކޮޅަށެވެ.